ނަތަންޔާހޫ އާއި ދެކޮޅަށް އިސްރާއިލުގައި ބޮޑެތި މުޒާހަރާތަކެއް، ޤައުމު ހުއްޓުމަކަށް!

އިސްރާއިލުގެ ޤާނޫނުތަކާއި ދެކޮޅަށް ވާހަކަ ދައްކާ ދިފާޢީ ވަޒީރު މަޤާމުން ވަކިކުރުމަށް އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމުމާއެކު އެ ޤައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ އޭނާއާއި ދެކޮޅަށް އަޑުއުފުލަންފަށައި ބޮޑެތި މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.
ޝަރުޢީ ދާއިރާ އަށް ބަދަލު ގެނައުމަށް ނަތަންޔާހޫ ގެންގުޅުއްވާ ވިސްނުން ހުއްޓާލާނެ ކަމަށް މިދިޔަ ހޯމަ ދުވަހު އަޑުފެތުރުމާއެކު ނަތަންޔާހޫ ވަނީ އޭނާގެ ހަރުކަށި ފިކުރުގެ ވެރިކަން ކުރާ ކޯލިޝަންގެ މެމްބަރުންނާ އެކު މަޝްވަރާތަކެއް ފަށައިފައިކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ބުނެއެވެ. އިސްރާއީލުގެ ޝަރުއީ ނިޒާމަށް ނަތަންޔާހޫ ގެންނަން މަސައްކަތް ކުރާ ބަދަލުތަކުގެ ދަށުން ފަނޑިޔާރުން އައްޔަން ކުރުމުގެ ކޮންޓްރޯލް ސަރުކާރަށް އޮންނާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުންތައް ބާތިލް ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންދާނެ ކަމަށް ކަމާބެހޭ މާހިރުންބުނެއެވެ. އިސްރާއީލުގެ އިދިކޮޅު ފަރާތްތަކުން ބުނަނީ މި ޕްލޭނުގެ ސަބަބުން އިސްރާއީލުގެ ޑިމޮކްރަސީގެ ބިންގަލަށް ނުރައްކާވާ ކަމަށެވެ.
އެހެންނަމަވެސް އެގައުމުގައި ކުރަމުންދާ ބޮޑެތި މުޒާހަރާތަކުގެ ސަބަބުން ޝަރުއީ ދާއިރާއަށް ނަތަންޔާހޫ ގެންނަން މަސައްކަތް ކުރާ ބަދަލުތައް ގެނައުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ލަސްވެގެން ދާނެކަމަށް ސަރުކާރުން ބުނެއެވެ.