ޚަބަރު

ޝަވަންގެ ހުވަފެން ހަގީގަތަކަށް: ޕްރޮސްތެޓިކް ފައެއް ޖެހުމަށް މިވަގުތު ބެންގަލޫރުގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހދ. މަކުނުދޫ ސްކޫލްގެ އިންޓަހައުސް މުބާރާތެއްގައި ފުޓްބޯޅަކުޅޭ މަންޒަރު ފެންނަ ވީޑިއޯއަކުން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ޝަވަން މުހައްމަދު 7، އަށް ޕްރޮސްތެޓިކް ފައެއް ޖެހުމަށް ބެންގަލޫރުގައި ފަރުވާ ހޯދަން ފަށައިފިއެވެ.

“ދެން”އަށް މަޢުލޫމާތު ދެމުން އެންސްޕާއިން ވިދާޅުވީ ޝަވަން އަށް އާޓިފިޝަލް ފައެއް ޖެހުމަށް އެންސްޕާއާއި އާސަންދައިން އަގު ކަވަރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޝަވަން ކުޅިވަރު ކުޅުމަށް ބޭނުން ވާނެ ޕްރޮސްތެޓިކް ފަަޔެއް ނުވަތަ ރަނިން ބްލޭޑު ދީފައިވަނީ މިނިސްޓްރީ އިފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމެންޓުން ކަމަށް އެންސްޕާއިން ވިދާޅުވިއެވެ.

“ފައި ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް. ރިހެބިލިޓޭޝަންގެ މަސައްކަތް މިހާރު ފަށައިފި” އެންސްޕާއިން ވިދާޅުވިއެވެ.

އުމުރުން 7 އަހަރުގެ ޝަވަން، އެއް ފައިން ފުޓްބޯޅަ ކުޅެ ދަނޑުގައި ދެއްކި ހިތްވަރަށް އެތައް ބަޔަކު މީސް މީޑިއާގައި ވަނީ ތައުރީފް ކޮށްފައެވެ. ޝަވަން އަކީ ފުޓްބޯޅައިގެ އިތުރުން މަކުނުދޫ ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވަމުން އަންނަ ހިތްވަރު ގަދަ ދަރިވަރެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވި ނަމަވެސް ޝަވަންގެ ހިތްވަރާއި މަސައްކަތުން ކޮންމެ ކަމެއްވެސް ދަނީ ކުރަމުންނެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން ނަމާދު ކުރުމަށް މިސްކިތަށް ދިޔުމަކީވެސް ޝަވަން ވަރަށް ގަޔާވެގެން ކުރާ ކަމެކެވެ. އުފެދުމުގައި އައިބު ކަމެއް ހުރި ނަމަވެސް ޝަވަން ސާބިތުކޮށްދެނީ ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!