ހުއްޓުމެއް ނެތި އަޤްސާ މިސްކިތައް ހަމަލާދެމުންދާތީ ޣައްޒާއިން ރައްދު ހަމަލާއެއް
ހައްދު ފަހަނައަޅާފައިވާ އިސްރާއީލުން މުސްލިމުންގެ މުގައްދަސް މިސްކިތް ކަމަށްވާ އަލް އަޤްސާ މިސްކިތުގައި އަޅުކަމުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދީ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާތީ ފަލަސްތީނުގެ ޣައްޒާއިން އިސްރާއީލަށް ރައްދު ހަމަލާއެއް ފޮނުވާލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޢައްޒާއިން މިއަދު ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި އިސްރާއީލުން މިހާރުވަނީ ރޮކެޓް ހަމަލާތަކަށް އިންޒާރުދޭ ސައިރަން ސިސްޓަމްތައް އެގައުމުގައި އެކްޓިވޭޓްކޮށްފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިސްރާއިލު ސިފައިން ގެންދަނީ ހަތިޔާރާއެކު އަޤްސާ މިސްކިތްތެރެއަށް ވަދެ ގަނެ މިސްކިތުގައި ތިބި އާއްމު ރައްޔިތުންނަށް ބަޑިންނާއި މުގުރުން އަނިޔާކޮށް އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ދެމުންނެވެ. އަދި މިސްކިތުގެ ތެރޭގައި ހުންނަ ކުލިނިކަކަށާއި މިސްކިތުގެ އެތައް މިތަނަށް ވަނީ ގެއްލުން ދީފައެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހު އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ފުރައްސާރަތައް އިތުރުކުރެއެވެ. މީގެ ކުރިންވެސް ރޯދަމަހާއި ދިމާކޮށް ތަކުރާރުކޮށް އިސްރާއީލުން ވަނީ ފަލަސްތީނަށް ހަމަލާދީ ގިނަ ޤަތުލްއާއްމުތަކެއް ހިންގައި، ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގައިފައެވެ.