ނައީމާގެ ޖަނާޒާ މިއަދު މަނަދޫގައި

އިއްޔެ ނ. މަނަދޫގައި ނިޔާވެފައި އޮއްވާ ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާ ވަޅުޅާ، ޖަނާޒާގެ ކަންކަން މިއަދު ކުރަން ނިންމައިފިއެވެ.
62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅުމުން ދިޔަ ކޮޓަރިންނެވެ. ނައީމާ ފެނިފައިވަނީ ރަށު މީހުންނަށް އޭނާ ނުފެންނަތާ ދެ ދުވަސްވުމުން، ރަށު މީހުން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ބެލި ބެލުމުގެ ތެރޭގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ ފެނުނުއިރު އޭނާއަށް އޮތީ ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. މައްސަލަ ތަޙްޤީޤް ކުރުމަށް އެރަށުގައި ފުލުހުންގެ ޓީމެއް އިއްޔެއިންސުރެ ދަނީ ހަރަކާތްތެރިވަމުންނެވެ.
ނައީމާގެ މައްޗަށް މަޣްރިބު ނަމާދު ވަގުތު ކަށުނަމާދު ކުރުމަށް ފަހު ވަޅުލާން ވަނީ ތައްޔާރުވެފައެވެ. ކަށު ނަމާދު އޮންނާނީ މަސްޖިދުލް ރިޟްވާންގައެވެ.