ބާސާގެ ރޭގެ ބައްޔާއެކު މީސްމީޑިޔާގައި ބާސާގެ ފޭނުން ހަމަބިމަށް
އެފްސީ ބާސެލޯނާ އަކީ ދިވެހި ރާއްޖޭގެ ގިނަ ބަަޔަކު އެ ޓީމަކަށް ޓަކައި “މަރުދޭ” ޓީމެކެވެ. އާނއެކެވެ. ރާއްޖޭގައި އެންމެ ގިނަ ބަޔަކު ސަޕޯޓު ކުރާ ކުލަބަކީ ސްޕެއިންގެ ބާސެލޯނާއެވެ.
ގިނަ ބަޔަކު ބާސެލޯނާއަށް ސަޕޯޓު ކުރާ އެއް ސަބަބަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ “ލިއޮނަލް މެސީ” އެ ޓީމަށް ކުޅޭތީއެވެ. މެސީ އަކީ ގިނަބައެއްގެ އެންމެ މަގުބޫލު ކުޅުންތެރިޔާއެވެ.
އަބަދުވެސް ރާއްޖޭގައި ބަހުސް ކުރެވޭ ދެބައި މީހުންނަކީ ރިއާލް މެޑްރިޑްގެ ސަޕޯޓަރުންނާއި ބާސެލޯނާގެ ސަޕޯޓަރުންނެވެ. ސަބަބަކީ ރިއާލް މެޑްރިޑަކީ ވެސް ރާއްޖޭގެ ގިނަ ބަޔަކު މަރުދޭ ޓީމަކަށް ވާތީއެވެ. ހަގީގަތުގައި ރާއްޖޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް އެންމެ ސަޕޯޓަރުން ގިނަ ޓީމަކީ އެއީއެވެ.
ރިއާލް މެޑްރިޑަށް ގިނަ ބަޔަކު ސަޕޯޓް ކުރަމުން އައީ އެ ޓީމުގައި ޕޯޗުގަލްގެ ތަރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ކުޅުމުންނެވެ. ނަމަވެސް މިހާރު ރޮނާލްޑޯ ވަނީ ރިއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލު ވެފައެވެ. އެހެން ކަމުން ޔުވެންޓަސް އަށް ވެސް ގިނަ ބަޔަކު އަންނަނީ ސަޕޯޓް ކުރަމުންނެވެ. ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލު ވުމާއެކު ބާސެލޯނާގެ ފޭނުންނާއި ޔުވެންޓަސްގެ ފޭނުންނާއި ދެމެދު ހިނގި ކުރިމަތިލުންތައް ކުޑައެއް ނޫނެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު ރޭ ޕޯޗުގަލްގެ ލިޒްބަންގައި ކުޅެވިގެން ދިޔައެވެ. މެޗުގައި ވާދަ ކުރީ ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާންމިއުނިކެވެ. ބާސެލޯނާގެ ފޭނުން ދިޔައީ މީސް މީޑިއާގައި އެ ޓީމު މޮޅުވާނެ ކަމުގައި ބުނެ “ސަޅިބައިސާ” ކަނޑަމުންނެވެ.
ނަމަވެސް މެޗު ނިމިގެން ދިޔައީ ބާސެލޯނާގެ ފޭނުން ރޮއްވާލާފައެވެ. ބާސެލޯނާގެ ފޭނުން ލަދުން މީސްމީޑިއާގައި ބޯ ދިއްކޮށްލަން ނުކެރޭވަރު ކޮށްލާފައެއެވެ. ބާސެލޯނާގެ ފޭނުންނާ ދިމާކުރުމުގެ ގޮތުން މީސްމީޑިއާގައި ފާޑުފާޑު މީމް ތައް ހަދަައި ފާޑުފާޑު ސްޓޭޓަސް ތައް ގިނަ ބަޔަކު ދިޔައީ ޖަހަމުންނެވެ.
ބޮޑުތަފާތަކުން ލަދުވެތިކަމާއެކު ބަލިވުމުން ވާނީވެސް އެހެންތާއެވެ. ބާސެލޯނާގެ ފޭނުންނާ ދެކޮޅަށް ރޭ ނުކުތީ އެންމެ ޓީމެއް ދެޓީމެއްގެ ސަޕޯޓަރުންނެއް ނޫން ވިއްޔާއެވެ. ބަޔާން މިއުނިކްގެ ސަޕޯޓަރުންނާއި، ރިއާލް މެޑްރިޑްގެ ސަޕޯޓަރުންނާއި ޔުވެންޓަސްގެ ސަޕޯޓަރުން އަތު ގުޅައިލައިގެން ވިއްޔާއެވެ.
ބާސެލޯނާގެ ފޭނުން ރިއާލް މެޑްރިޑްގެ އަދި ޔުވެންޓަސްގެ ފޭނުންނަށް ދިމާކުރި ދުވަސްތައް މާޒީވެ ގޮސްފިއެވެ. އެ ދެ ޓީމުގެވެސް މުބާރާތާ އަލްވަދާއު ކީ މިހާ ލަދުވެތި ބައްޔަކުން ނޫނެވެ. ނަމަވެސް ރޭގެ މެޗުގައި ބާސެލޯނާ ބަލިވުމުން އަދިވެސް ބާސެލޯނާގެ ސަޕޯޓަރުންގެ ލޮލުން ކަރުނަ ނުހިކޭ ކަމަށާއި އަދިވެސް ލޮލު ފިޔައެއް ވެސް ނުޖަހާ ކަމަށް ބުނެ ބާސެލޯނާގެ ސަޕޯޓަރުންނާ ވަނީ ދިމާކޮށްފައެވެ. ހަމަ ޔަގީނުންވެސް ރޭގެ ބައްޔާއެކު ބާސެލޯނާގެ ސަޕޯޓަރުން ހަމަ ބިމަށް ތިރި ވެއްޖެ ކަން ގައިމެވެ.
އަދި މި ނިމުނީ އެއް ނޫނެވެ. ބޭނުން ނުވެގެން ނުވަތަ ބޭނުން ނުހިފިގެން “އެއްލައިލި” ބާސެލޯނާގެ ލޯން ކުޅުންތެރިޔާ ކުޓީނިއޯ ވެސް ރޭގެ މެޗުގައި 2 ލަނޑު ޖެހުން ވެގެން ދިޔައީ އިތުރަށް ހިތްދަތި ކޮށްލި ކަމަކަށެވެ. މެޗުގެ ފަހު 15 މިނެޓަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ އޭނާ ދަނޑުން ފޭބީ ބާސެލޯނާ ހަމަ ބިމަށް ތިރި ކޮށްފައެވެ.
ރޭގެ މެޗުގައި މެސީގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އެންމެ އެދެވޭ ކުޅުމެއް ނޫނެވެ. 90 މިނެޓު ތެރޭ ހެދިފައިވަނީ އެންމެ ދެ ޝޮޓުކަން ފާހަގަ ކުރެވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓީމު ކަމަށް ދައުވާ ކުރާ ޓީމު ބާސެލޯނާ، ޖަރުމަނުގެ ބަޔާން މިއުނިކް ގާތުގައި ކުޑަ ކަކޫ ޖެހި މި ބޮޑު މެޗު ތާރީހުގެ ތެރެއަށް ވަދެގެން ދާނެކަން ޔަގީނެވެ.