އިންޑިއާއިން ރަޝިއާއެކު ގުޅުން އިތުރަށް ވަރުގަދަ ކުރަނީ
އިންޑިއާ އާއި ރަޝިއާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރަޝިއާގެ ވިޔަފާރީގެ ވަޒީރު ވިދާޅުވެއްޖެ އެވެ.
އެފްޓީއޭގެ މަޝްވަރާތަކަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް ދިން ހަމަލާއާ ގުޅިގެން ހަތިޔާރު ސަޕްލައިކުރާ ރަޝިއާއާ މަޑުމަޑުން ދުރުވުމަށް ހުޅަނގުގެ ގައުމުތަކުން ގޮވާލި ނަމަވެސް ދެ ގައުމުގެ އިގްތިސާދީ ގުޅުމަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުމެވެ.
ރަޝިއާއިން އިންޑިއާއިން އިމްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ތެރޭގައި ހަތަރު ގުނަ އިތުރުވެ 46.33 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މައިގަނޑު ގޮތެއްގައި ތެލުގެ ޒަރިއްޔާއިން އިންޑިއާއިން ވަނީ އިމްޕޯޓްކޮށްފައެވެ.
ވިޔަފާރީގެ ވަޒީރުކަން ވެސް ކުރައްވާ ރަޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑެނިސް މަންޓޫރޯވް ނިއު ދިއްލީގައި ބޭއްވި އިވެންޓެއްގައި ވިދާޅުވި ގޮތުގައި ގައުމުތަކުގެ ބާޒާރުތަކަށް އުފެއްދުންތެރިކަން އެކަކު އަނެކަކަށް ލިބުމުގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދެ އެވެ.
"ޔޫރޭޝިއަން އިކޮނޮމިކް ކޮމިޝަނާ ގުޅިގެން އިންޑިއާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް އިތުރަށް ހަރުދަނާ ކުރުމަށް އުއްމީދު ކުރަން."
އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިންޑިއާއާއި ރަޝިޔާއިސްވެ އޮވެ އުފައްދާފައިވާ ޔޫރޭޝިއަން އިކޮނޮމިކް ޔޫނިއަންއާ ދެމެދު އެފްޓީއޭއެއް ހެދުމުގެ މަޝްވަރާތަކަށް ބުރޫ އަރާފައިވާ ކަމަށާއި އުއްމީދަކީ "އަޅުގަނޑުމެންގެ އެކުވެރިން މިކަން ކުރިއަށް ގެންދަވާނެ ކަމަށް... އެއީ އަޅުގަނޑުމެންގެ ވިޔަފާރީގެ ގުޅުމަށް ހަގީގީ ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ.".
މަންޓޫރޯވް ވިދާޅުވީ މަގު ހެދުމުގެ ސާމާނާއި އިކުއިޕްމަންޓާއި ކެމިކަލް އަދި ފާމަސޫޓިކަލް އުފެއްދުންތަކަށް ރަޝިއާގައި ޑިމާންޑް އެބައޮތް ކަމަށާއި "މިކަމުގެ ސަބަބުން އިންޑިއާގެ ކުންފުނިތަކަށް ރަޝިއާއަށް ސަޕްލައި އިތުރުކުރުމުގެ ފުރުސަތު ތައް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް" ކަމަށެވެ.
މިކަން ހާމަކޮށްފައި މިވަނީ އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން އަދި ގަލްފް ކޯޕަރޭޝަން ކައުންސިލާއެކު ވެސް ނިއު ދިއްލީއިން އެފްޓީއޭގެ މަޝްވަރާތައް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިދިޔަ ނޮވެމްބަރު މަހު ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިޔާއިން ޔޫކްރެއިންގައި އަސްކަރީ ފިޔަވަޅު އެޅުމާ ގުޅިގެން ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މައިގަނޑު ސިނާއަތްތައް ހިންގުމުގެ ގާބިލުކަން ދަށްވެފައިވާތީ، ކާރާއި މަތިންދާބޯޓާއި ރޭލު ފަދަ މުހިންމު ދާއިރާތަކަށް އިންޑިއާއިން 500 އަށް ވުރެ ގިނަ އުފެއްދުން އެތެރެކުރަން ރަޝިއާއިން މަސައްކަތް ކުރަމުންދާ ކަމަށް ބެލެވެ އެވެ.