131 ވަނަ ސިފައިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ސިފައިންގެ ދުވަސް މިއަހަރުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިގޮތުން މިއަހަރު ފާހަގަކުރާ 131 ވަނަ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ 2023 އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 0600 ޖަހާއިރު އޮންނަ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންކަމަށާއި އަދި މިދުވަހުގެ ހަވީރު 1600 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މިހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެކަމަށެވެ. މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޑިސްޕްލޭއެއް އޭޕްރީލް 21 ވަނަ ދުވަހުގެ ރޭ 2000 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައިކަމަށާއި ޢާންމުންނަށް ހުޅުވާލައިގެންވާ ބާއްވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުމަށްވެސްވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހަވާ އެރުވުމުގެ ހަރަކާތްފެށިގެންދާނީ އެރޭގެ 2020 ހާއިރު ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.
މިޙަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ ޢާއިލާތައް އަދި ޢާންމުންނަށް ބައިވެރިވޭގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް އޮތްދުވަސްތަކުގައި ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.