ރާޖަމޯލީއަށް ފަހު ބަންސާލީވެސް ހޮލީވުޑް ފިލްމެއް ޑައިރެކްޓު ކުރަން ސޮއިކޮށްފި

ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ސަންޖޭ ލީލާ ބަންސާލީ ހޮލީވުޑްގެ ފިލްމު އޭޖެންސީއަކާއިއެކު ސޮއިކޮށްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބަންސާލީ ސޮއިކުރީ ވިލިއަމް މޮރިސް އެންޑޭވާ (ޑަބްލިއުއެމްއީ) ގެ ފިލްމެއް ޑައިރެކްޓު ކުރާށެވެ. އެ އޭޖެންސީއަކީ މަޝްހޫރު އެކްޓަރުން ކަމަށްވާ ބެން އެފްލެކް، ޖެސިކާ އަލްބާ، ކްރިސްޓިއަން ބޭލް، ކޭޓް ބެކްއިންސޭލް އަދި މެޓް ޑޭމަން ފަދަ އެކްޓަރުން މަސައްކަތްކުރާ އޭޖެންސީ އެކެވެ.
ބަންސާލީގެ ކުރިން ޑަބްލިއުއެމްއީ އިން ވަނީ ސައުތު އިންޑިއާގެ ކާމިޔާބު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީއާއިއެކުވެސް ފިލްމަކަށް ސޮއިކޮށްފަ އެވެ. ރާޖަމޯލީއާއިއެކު ޑަބްލިއުއެމްއީ އިން ސޮއި ކުރީ އޭނާގެ ފިލްމު "އާރްއާރްއާރް" އިން އޮސްކާގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ވަނިކޮށެވެ.
ބަންސާލީ ހޮލީވުޑް ފިލްމެއް ޑައިރެކްޓު ކުރަން ސޮއިކޮށްފައި މިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ގަންގޫބާއީ ކަތިއަވަޑީ" ބާލިން ފިލްމު ފެސްޓިވަލްގައި ޕްރިމިއާ ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އެފިލްމަކީ ނެޓްފްލިކްސްގައި އެންމެ ގިނަ މީހުން ބެލި އިންޑިއާގެ ފިލްމުކަންވެސް ފާހަގަކޮށްލެވެ އެވެ.
ބަންސާލީ މީގެ ކުރިންވެސް ވަނީ ބައިނަލްއަގުވާމީ ފިލްމު ދުނިޔޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާ ޑައިރެކްޓު ކުރި ފިލްމު "ދޭވްދާސް" ވަނީ ބީއޭއެފްޓީއޭ އެވޯޑުގެ އެންމެ މޮޅު ބިދޭސީ ފިލްމުގެ ގޮތުގައި ނޮމިނޭޓު ވެފަ އެވެ. "ދޭވްދާސް" އަކީ ޝާހުރުކް ހާން، އައިޝްވާރިޔާ ރާއީ އަދި މާދުރީ ދިކްޝިތު ލީޑް ރޯލުން ފެނިގެންދިޔަ ފިލްމެކެވެ.
ބަންސާލީ މިހާރު ދަނީ އޭނާގެ ފުރަތަމަ ވެބް ސީރީޒް "ހީރާ މަންޑީ" ގެ މަސައްކަތްތައް ނިންމަމުންނެވެ. މި ސީރީޒްގައި ބޮލީވުޑްގެ ގިނަ ބަތަލާއިންތަކެއް ފެންނާނެ އެވެ. "ހީރާ މަންޑީ" ދައްކަން ހަމަޖެހިފައިވަނީ ނެޓްފްލިކްސް އިންނެވެ.