ކަޒްމިކްއިން މިފަހަރު ދޭނީ "ފްރީ ޑެލިވެރީ"
ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު ސާބިތުކަމާ އެކީ ފައިހިއްޕާލާފައިވާ އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ކަޒްމިކް އިންޓަނޭޝަނަލް އިން، މުޅިން އައު ފިލްމެއް މިއަހަރު ތެރޭގައި ރިލީޒް ކުރުމަށް ތައްޔާރުވެއްޖެއެވެ.
"ފްރީ ޑެލިވެރީ" ގެ ނަމުން ނަން ދީފައިވާ މިފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ކާމިޔާބު ފިލްމު "ބަވަތި" ޕްރޮޑިއުސް ކުރި އާސިމް ޢަލީ އެވެ. އަދި މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ "ބަވަތި" ޑައިރެކްޓުކުރި ކުޅަދާނަ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އެވެ.
މި ފިލްމާ ގުޅޭގޮތުން "ދެން" އަށް އިތުރަށް މައުލޫމާތު ދެމުން ޑައިރެކްޓަރ އިއްލެ ބުނީ، މިއީ ޑާކް ކޮމެޑީ ޖޯންރާއަކަށް އުފައްދާފައިވާ ފިލްމެއް ކަމަށާއި ފިލްމުގެ ޝޫޓިންގް ފަށާފައިވަނީ ނިމިދިޔަ އޭޕްރިލް މަހު ކަމަށެވެ.
"ފިލްމީ ދާއިރާއަށް މުޅިން އައު ތަރިންނާއި، ފީޗާ ފިލްމެއްގައި މުޅިން އަލަށް ފެނިގެން ދާނެ ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެން ދާނެ. އޭގެ އިތުރުން ފިލްމީ ދާއިރާގައި އަރަމުން އަންނަ ބައެއް ތަރިންނާއި މި ދާއިރާގައި ދުވަސްވީ ބައެއް ތަރިން ވެސް މި ފިލްމުން ފެނިގެން ދާނެ. މުޅިއަކު 15އަށް ވުރެ ގިނަ ކާސްޓުން މިފިލްމުގައި ހަރަކާތްތެރިވެފައިވޭ" އިއްލެ ބުންޏެވެ.
މިހާތަނަށް ފިލްމުގެ %75 މަސައްކަތް ނިމިފައިވާ ކަމަށާއި އެހެންކަމުން މިއަހަރު ތެރޭގައި އޮލިމްޕަސް ސްކްރީނުގައި މިފިލްމު ރިލީޒް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އިއްލެ ބުންޏެވެ.