"ޙިފްޡް ރަންތާޖް" ހއ. އަތޮޅު ތައުލީމީ މަރުކަޒުން ޤުރުއާން ޙިފްޡް ކުރުމުގެ ޕްރޮގްރާމެއް!

"ޙިފްޡް ރަންތާޖް"ގެ ނަމުގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ޤުރުއާން ޙިފްޡް ކުރުމުގެ ޕްރޮގްރާމެއް އިފްތިތާޙް ކޮށްފިއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދެއްވިޗގޮތުގައި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އެގްޒެކްޓިވް ޢަބްދުﷲ ނަޢީމެވެ.
"ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙިފްޡު ރަންތާޖް ގެ ނަމުގައި އިފްތިތާޙްކުރި، މި ޕްރޮގްރާމްގެ މަޤްޞަދަކީ، ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފައްދައި، ކުރުމުއްދަތެއްގެ ތެރޭގައި ،ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ދަރިވަރުންތަކެއް މުޖުތަމަޢަށް ނެރުން" މި ޕްރޮގްރާމާއި ބެހޭގޮތުން އެމަރުކަޒުން ބުނެފައިވެއެވެ.
"ޙިފްޡް ރަންތާޖް" ޕްރޮގްރާމަކީ 2 އަހަރު ދުވަހުގެ ތެރޭގައި، މުޅި ޤުރްއާންގެ 30 ފޮތް ހިތުދަސްކުރާ ގޮތަށް، ރޭވިފައިވާ ޕްރޮގްރާމެއްކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ.
ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރުދިނުމަށްޓަކައި ބޮޑެތި އިނާމުތައް ހުށައަޅައެކި އެކި އެކި ޕްރޮގްރާމްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ގެންދަނީ ކުރިއަށެވެ.