މުނިފޫހިފިލުވުން

ފިލްމް ލޯބިވެވިއްޖެ: ތަރިންގެ ހުނަރު ފުރިހަމައަށް ފެނިގެންދިޔަ ހިތްގައިމު ފިލްމެއް, އާންމުންގެ ބޮޑު ތަރުހީބެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން
ފިލްމް ""ލޯބިވެވިއްޖެ"ގެ ޕްރިމިއަރގެ ތެރެއިން

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމް “ލޯބިވެވިއްޖެ” އޮލިމްޕަހުގައި މިހާރު ލޯންޗުކޮށްފައިވާއިރު ފިލްމީ ދާއިރާއަށް މުޅިން އާ މޫނުތަކެއް ފެނިގެންދިޔަ މި ފިލްމު ވަނީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެެ. 

Ads by STELCO

އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ތަރިންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާ ފިލްމެކެވެ. މި ފިލްމުގައި މުޅިން އާ މޫނުތަކެއް ފެނިގެންދާއިރު އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ގދ. ތިނަދޫއަށް ނިސްބަތްވާ ފަންނާނުންނެވެ. މީގެ އިތުރުން މަރިޔަމް އައްޒަ, އަހްމަދު ނިމާލް, އައިމިނަތު ރިޝްފާ, އަހްމަދު އީސާ (އާނަންދު), އަލީ އާޒިމް (ދޮން އައްޔަ) އަދި އަބްދުﷲ ޝާފިއު (ފުބޫ) ވެސް މި ފިލްމުން ފެނިގެންދާނެއެެވެ.

އެސް ޕްރޮޑަކްޝަންސްއާއި ސެޓަރން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ މި ފިލްމުގައި ޖުމްލަ 8 ލަވަ ހިމެނޭއިރު ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރްޔަމް އަޝްފާ އާއި ރާފިޔަތު ރަމީޒާގެ އިތުރުން ހަސަން ޖަލާލާއި މުމްތާޒު މޫސާއެވެ.

މި ފިލްމު ޝޫޓްކޮށްފައިވަނީ ލަންކާ, ގދ. ތިނަދޫގެ އިތުރުން ހުަވަދޫ އަތޮޅުގެ ބައެއް ރަށްރަށުގައެވެ. މި ފިލްމަށް ލިބުނު ބޮޑު ތަރުޙީބާ އެކު، ގިނަ ބައެއްގެ އެދުމުގެ މަތިން އިތުރު ޝޯތަކެއް ވެސް ވަނީ އަޅުވާފައެވެ. އޮލިމްޕަހުގެ އިތުރުން ގދ. ތިނަދޫގައި ވެސް މި ފިލްމު ވަނީ އަޅުވާފައެެވެ.

އެސް ޕްރޮޑަކްޝަންސްއާއި ސެޓަރން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަހުމަދު ޒަރީރުއެވެ. ފިލްމު ކެމެރާކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ)އެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ އަލީ ޝާނީޒްއެވެ. އަދި ޕްރޮޑަކްޝްން ޑިޒައިންރަކީ ހުސެއިން ސިނާނުއެވެ.

"ލޯބިވެވިއްޖެ" ފިލްމުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެ ފިލްމުގެ ޓިކެޓު ގަތުމަށް ޚާއްސަ ނަންބަރު 7458800ށް ގުޅައިގެންވެސް ޓިކެޓު ގަނެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!