ޚަބަރު އިޖުތިމާޢީ

ޝަވަންގެ ހުވަފެން ޙަޤީޤަތަކަށް: ޕްރޮސްތެޓިކް ފަޔާއެކު ކޮޅަށް ތެދުވެވިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހދ. މަކުނުދޫ ސްކޫލްގެ އިންޓަހައުސް މުބާރާތެއްގައި ފުޓްބޯޅަކުޅޭ މަންޒަރު ފެންނަ ވީޑިއޯއަކުން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އުމުރުން އެންމެ ހަތް އަހަރުގެ ޝަވަން މުޙައްމަދު، ޕްރޮސްތެޓިކް ފަޔާއެކު، ތެދުވެ ހިނގައިލައިފިއެވެ.

Ads by Sosun Fihaara

ޝަވަން އަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. ޕްރޮސްތެޓިކް ފަޔާއެކު ތެދުވެ ޝަވަން ހިނގާފައިވާއިރު، އޭނާއަށް ރަނިން ބްލޭޑް ހަދިޔާ ކުރީ ޔޫތް މިނިސްޓްރީން ކަމަށާއި އާދައިގެ ފައި (ޕްރޮސްތެޓިކް ފައި) ޖަހައިދިނީ އެންސްޕާގެ ފަރާތުން ކަމަށް ޝަވަންގެ މަންމަ ޢައިޝަތު ވިޝާން ވަނީ ބުނެފައެވެ.

އުމުރުން 7 އަހަރުގެ ޝަވަން، އެއް ފައިން ފުޓްބޯޅަ ކުޅެ ދަނޑުގައި ދެއްކި ހިތްވަރަށް އެތައް ބަޔަކު މީސް މީޑިއާގައި ވަނީ ތައުރީފު ކޮށްފައެވެ. ޝަވަން އަކީ ފުޓްބޯޅައިގެ އިތުރުން މަކުނުދޫ ސްކޫލްގެ ހުރިހައި ހަރަކާތެއްގައި ވެސް ބައިވެރިވަމުން އަންނަ ހިތްވަރު ގަދަ ދަރިވަރެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވި ނަމަވެސް ޝަވަންގެ ހިތްވަރާއި މަސައްކަތުން ކޮންމެ ކަމެއްވެސް ދަނީ ކުރަމުންނެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން ނަމާދު ކުރުމަށް މިސްކިތަށް ދިޔުމަކީވެސް ޝަވަން ވަރަށް ގަޔާވެގެން ކުރާ ކަމެކެވެ.

އުފެދުމުގައި އައިބު ކަމެއް ހުރި ނަމަވެސް ޝަވަން ސާބިތުކޮށްދެނީ ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމެވެ.

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!