އޮޑިޓް ރިޕޯޓްތަކުގެ މައްސަލަ މަޖިލީހުން ބަލަނީ
ޓުއަރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަން ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު މިރޭ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްޔަންސް އޮޑިޓް ރިޕޯޓްގައި ކަންބޮޑުވާ ބައެއް ކަންކަން ފާހަގަ ކުރެވޭތީ މާދަމާގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ދެ ރިޕޯޓް ދިރާސާ ކުރުން އޮންނާނެ ކަމަށެވެ.
އޮޑިޓް އޮފީހުން ނެރުއްވާފައިވާ ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ މިނިސްޓްރީ އިން ކޮވިޑާއި ގުޅިގެން ޖުމްލަ 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރެއިން 99 ޕަސަންޓު ހަރަދަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ހިނގަން ޖެހޭ ހަރަދުތަކެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
އަދި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން ހެލްތު މިނިސްޓްރީން މަސައްކަތް ހަވާލުކުރި ކުންފުންޏެއް ނޫންކަމަށް ވަނީ ބުނެފައެވެ.
އޮޑިޓް ރިޕޯޓުގައި މިގޮތަށް ބުނިއިރު މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރުން ވަނީ އެ ކުންފުންޏާއި މި ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތީން ކަމަށް ބުނެފައެވެ.
މީގެއިތުރުން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން އަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކުންފުންޏަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ އެކަމަށް އެދި ހުށަހެޅި ދިވެހި ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.