ބޮލީވުޑް މުނިފޫހިފިލުވުން

އަދިޕުރުޝް ފިލްމުގެ 10،000 ޓިކެޓު ކުޑަކުދިންނަށް ބަހަން ރަންބީރު ނިންމައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަދިޕުރުޝް ރިލީޒްކުރާނީ މިހިނގާ ޖޫން މަހުގެ 16 ވަނަ ދުވަހު

ސައުތު އިންޑިއާގެ ސުޕަސްޓާ ޕްރަބާސް ލީޑް ރޯލުން ފެނިގެންދާ ހިންދީ ފިލްމު "އަދިޕުރުޝް" ގެ 10،000 ޓިކެޓު ގަނެ ފިލްމު ބެލުމުގެ ތަނަވަސްކަން ނެތް ކުޑަކުދިންނަށް ބަހަން ބޮލީވުޑް ތަރި ރަންބީރު ކަޕޫރު ނިންމައިފި އެވެ.

Ads by MWSC

އޯމް ރައުތު ޕްރޮޑިއުސްކޮށް ފަސް ބަހުރުވައަކުން ރިލީޒްކުރާ "އަދިޕުރުޝް" އަކީ އިންޑިއާގެ މަޝްހޫރު ފްލޯކު ވާހަކަ "ރާމަޔަނަ" ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މިފިލްމު އިންޑިއާގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގޫބުލުކަމެއް ހޯދާނެ ކަމަށް ބެލެވޭއިރު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހެވެ.

"އަދިޕުރުޝް" އަކީ އިންޑިއާގައި ތާރީހީ ގޮތުން ފާހަގަކޮށްލެވޭނެ ފިލްމަކަށް ވާއިރު ފިލްމުގެ 10،000 ޓިކެޓު ރަންބީރުގެ އަމިއްލަ ހަރަދުގައި ގަނެ ފަގީރު ކުދިންނަށް އެ ޓިކެޓު ބަހަން ނިންމާފައިވާކަމަށް އޭނާ ބުންޏެވެ. ރަންބީރުގެ އިތުރުން ޕްރޮޑިއުސަރު އަބީޝެކް އަގަރުވާލްވެސް 10،000 ޓިކެޓު ހިލޭ ބަހާނެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރަންބީރާއި އަބީޝެކްވެސް މިހާރު ވަނީ ޓިކެޓުތައް ބުކްކޮށްފަ އެވެ. އަބީޝެކް ގަންނަ ޓިކެޓުތައް އޭނާ ބަހާނީ ސަަރުކާރު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށާއި އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުގައި ދަނާލުގައި ގެންގުޅޭ ކުދިންނަށެވެ.

"އަދިޕުރުޝް" ގައި ޕްރަބާސްގެ އިތުރުންވެސް ގިނަ ތަރިންތަކެއް މުހިންމު ރޯލުތަކުން ފެނިގެން ދެއެވެ. އޭގެ ތެރޭގައި ކްރިތީ ސެނަން، ސައިފް އަލީ ހާން، ސަނީ ސިންގް، ދޭވްދައްތާ ނާގޭ އަދި ވާތުސަލް ސޭތު ހިމެނެ އެވެ.

މިފިލްމު ރިލީޒް ކުރާނީ ހިންދީ، ތެލެގޫ، މަލަޔާޅަމް، ކަންނާޑާގެ އިތުތުން ތަމަޅަ ބަހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!