މައްސަލަ ހައްލުކޮށް މަޖިލިސް ހިނގާނެ ގޮތެއް ހައްދަވައި ދެއްވުމަށް ސަރުކާރަށް ގޮވާލަން: އިދިކޮޅު
ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުގެންދެވިފައިވާ މައްސަލަ ހައްލުކޮށްދެއްވާ މަޖިލިސް ހިނގާނެގޮތެއް ހައްދަވައި ދެއްވުމަށް ސަރުކާރަށް އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ގޮވާލައިފިއެވެ.
މަޖިލިސް ގޯތި ތެރޭގައި މިއަދު މީޑިއާތަކާއި ވާހަކަ ދައްކަވަމުން އިދިކޮޅު މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރު މިއަދު މިވަނީީ ސަރުކާރުން ގަސްތުގައި މަރުތަޅު އަޅުވައިފަ ކަމަށެވެ.
"ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރު މިއަދު މިވަނީީ ސަރުކާރުން ގަސްތުގައި މަރުތަޅު އަޅުވައިފަ މީގެ ސަބަބުން ދެންމެ އަޅުގަނޑުމެންގެ މައިނޯރިޓީ ލީޑަރ ވިދާޅުވި ފަދައިން ވަރަށް ބޮޑު ގޮންޖެހުންތަކެއް މިއަދު ދައުލަތަށް މިވަނީ ކުރިމަތިވެފަ. މީގެ ސަބަބުން ހަގީގަތަށް ދަންނަވާ ނަމަ މިރާއްޖޭގައި މިހިނގަނީ 3 ބާރު ވަކިވެފައިވާ ދައުލަތެއްކަމަށް ނުވާނެކަމަށް އަޅުގަނޑު ހިތުން ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރައްވާނެ." އާދަމް ޝަރީފު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއީ ސަރުކާރުން ރާވައިގެން ގަސްތުގައި ކުރާ ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވިދާނެކަމާއި މެދު ސުވާލު އުފެދޭކަމަށެވެ.
"މި މައްސަލަ ކުރިމަތިވެގެން މިދިޔާއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލުމާއި ގުޅިގެން 3 ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެކަން އަދި އަޅުގަނޑުމެން ދެ ބޭފުޅެއްގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ގުޅިގެން ސަރުކާރުން ގަސްތުގައި ރާވާއިގެން މި ހިސާބަށް މިގެނައީ ގެނައި ރިޔާސީ އިންތިހާބު މިހާ ކައިރިވެފައި އޮއްވާ މިމައްސަލަތައް ކުރިމަތިވެގެން ދިޔުމަކީ ރާއްޖޭގައި އަދުލުވެރި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަމާމެދުވެސް ސުވާލު އުފެދިގެންދާ ކަމެއް." އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފު އިތުރަށް ވިދާޅުވީ މިމައްސަލަ ހައްލުކޮށްދެއްވާ މަޖިލިސް ހިނގާނެ ގޮތެއް ހައްދަވައިދެއްވުމަށް މިވަގުތުން މިވަގުތަށް ސަރުކާރަށް ގޮވާލާކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮންނަ އިރު އެބޭފުޅުންނަށް ވަރަށް ގިނަ ބަދަލުތައް ގެނެވޭނެ ކަމަށާއި އެގޮތުން މަޖިލިސްގެ ގަވާއިދަށްވެސް ބަދަލު ގެނެވޭނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.