ޚަބަރު

ރ.ފުއްގިރި މައްސަލަ: ފުލުފުލުގައި އަޑުއެހުން ތާވަލު ކުރިއިރު، ވަކީލުންނާ މަޝްވަރާ ނުކުރޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރ.ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި، ތާވަލު ކުރީ ރައީސް ޔާމީންގެ ވަކީލުންނާ މަޝްވަރާ ނުކޮށް ކަމަށް، އެމަނިކުފާނުގައި ދިފާޢީ ވަކީލުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝިޔާޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ ޖުލައި ފުރަތަމަ ހަފްތާ އާ ދެވަނަ ހަފްތާއަށް، ހަފްތާއަކު ތިން ދުވަހު ތާވަލު ކޮށްފައިވެއެވެ.

ރާއްޖެ ޓީވީގައި، ޕީޖީ ހުސައިން ޝަމީމް ވަނީ، ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ކުރިމަތިލާން އޮންނަ މުއްދަތު ހަމަވުމުގެ ކުރިން މައްސަލަތައް ނިންމައި ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އެދިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ޝަރީޢަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ބޭނުންވަނީ ވީހައިވެސް އަވަހަށް މައްސަލަތައް ނިންމަން ކަމަށެވެ.

"އަވަހަށް މައްސަލަ ނިންމަން އަޅުގަނޑުމެން ވެސް އެދިފައި އޮންނާނީ. ނަމަވެސް އޭގެ މާނައެއް ނޫން 24 ގަޑިއިރު ޝަރީޢަތް ކުރާށެކޭ. ދިފާޢީ ވަކީލުން ވެސް އެއްބަސްވެގެން ޝަރީޢަތްތައް ކުރިއަށް ގެންދަން ތާވަލް ކުރަނީ." ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް ވަކީލު ޝިޔާޒު މި ވާހަކަތައް ދޮގު ކުރެއްވިއެވެ.

‏"ޕީޖީ ބުންޏަސް ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ ޖުލައި ފުރަތަމަ ހަފްތާ އާ ދެވަނަ ހަފްތާއަށް ހަފްތާއަކު 3 ދުވަހު އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވަނީ ވަކީލުންނާ މަޝްވަރާ ކޮށްފައެއް ނޫނެވެ." އޭނާ ކުރެއްވި ޓްވީޓުގައިވެއެވެ.

ވ.އާރަށް މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!