ޚަބަރު

ކޮވިޑުން އަރައިގަތުމަށް ކުދި ވިޔަފާރިތަކަށް 222.9 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން އިގްތިސޯދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން މިހާތަނަށް ލޯނުގެ ގޮތުގައި 1479 ފަރާތަކަށް 222.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ލޯނުގެ ގޮތުގައި 1479 ފަރާތަކަށް 222.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެެ.

އަދި ލޯނަށް އެދި 3099 ފަރާތަކުން ހުށަހަޅާފައިވާއިރު، މީގެތެރެއިން ލޯން ދިނުމަށް މިހާތަނަށް ނިންމާފައިވަނީ 1773 ފަރާތަަކަށެވެ. އެއީ ޖުމްލަ 308 މިލިއަން ރުފިޔާގެ ލޯނެވެ. ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 472 ފަރާތަކަށް ލޯން ހަމަޖެހިފައެއް ނުވެއެވެ.

ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ވަކިވަކި ދާއިރާތަކަށް ބަލާލާއިރު، އެންމެ ގިނަ އަދަދަކަށް ލޯން ހަމަޖެހިފައިވަނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށެވެ. އެގޮތުން އަމިއްލަ މަސައްކަތް ކުރާ 1439 ފަރާތަކަަށް 35.8 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ނިންމާފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ލޯން ހަމަޖެހިފައިވަނީ މުދާ ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށެވެ. އެގޮތުން އެފަދަ 885 ވިޔަފާރިއަކަށް 236.7 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެސްޑީއެފްސީން ލޯނު ދޫކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވިޔަފާރިތަކަށް އަހަރަކު 10 މިލިއަނުން ދަށުގެ އާމްދަނީގެ ވިޔަފާރިތަކަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!