ޙައްޖު 1444: ޙައްޖުވެރިން މިނާއަށް ދަތުރުފަށައިފި

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން މިނާއަށް ދަތުރު ފަށައިފިއެވެ.
ޙައްޖުވެރިން މިނާއަށް ދަތުރުފަށާފައިވާއިރު ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މައުލޫމާތު ދެއްވައެވެ.
ޙައްޖުވެރިން މިނާގައި ރޭ ކުރުމަށްފަހު އަރަފާތު ބިމަށް ދާނީ މާދަމާއެވެ.
މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤް ބިން ފައުޒާން އަލް ރާބިއާ ވިދާޅުވީ މިއަހަރު ދެ މިލިއަން މީހުން ހައްޖުވާނެ ކަމަށެވެ. މިދިޔަ އަހަރު ސަޢުދީ އަރަބިއްޔާއަށް ނުވަ ލައްކައެއްހާ ޙައްޖުވެރިންނަށް ވަނީ މަރުހަބާ ކިޔާފައެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން 2019 ވަނަ އަހަރު ސައުދީގައި 2.5 މިލިއަން މީހުން ވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ.