ބަނގުރަލުގެ އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރުކޮށްފި

ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މާލެއަށް އެ ކާރު އައުމުން، ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ކާރު މަޑުނުކޮށް ދިޔުމުން ގަލޮޅު ޕޮލިހުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވައިފައިވެއެވެ.
އަދި ސީގަލް ކަންމަތިން ކާރު ހުއްޓުވައި ކާރުގައި ތިބި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
"ކާރު މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސް، އެ މީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް ވަނީ އެއްލައިލާފައެވެ. އެ ކޮތަޅު ބަލައިފާސްކުރި އިރު 24 ދަޅު ބަނގުރާ ފެނިފައިވެއެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.
ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.