ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ކީމޯ ފަރުވާދޭން ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް ދޭ، ކީމޯ ތެރަޕީގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ކީމޯ ތެރަޕީ ދީފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެދުވަހު އެހޮސްޕިޓަލުގައި ކީމޯ ތެރަޕީ ދިނީ ހދ. އަތޮޅު އަންހެނަކަށެވެ.
ރާއްޖޭގެ ބައެއް ރީޖަނަލް ހޮސްޕިޓަލުތަކުގެ އިތުރުން މާލޭގެ ހޮސްޕިޓަލުތަކުގައި މިހާރުވެސް ކީމޯ ތެރަޕީ ދެ އެވެ. ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް މައިގަނޑު ގޮތެއްގައި ދެނީ ކީމޯ ތެރަޕީގެ އިތުރުން ރޭޑިއޭޝަން ތެރަޕީ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެތަނުގައި ކީމޯ ތެރަޕީ ދޭން ފެށުމަކީ އެހިދުމަތް ހޯދަން އެސަރަހައްދު ރަށްރަށުގެ މީހުން މާލެއަށް ދަތުރު ކުރުމުގެ ބަދަލުގައި ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި މީގެ ސަބަބުން މާލޭގެ ހޮސްޕިޓަލުތަކުގެ ތޮއްޖެހުން ކުޑަވެގެން ދާނެ ކަމަށް ހޮސްޕިޓަލުން ދެކެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީ ދެނީ | ފޮޓޯ: ކުޅުދުއްފުށީ ހޮސްޕިޓަލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރަށްރަށުން މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެކެވެ. އެރަށްތަކުގައި 70،000 އަށްވުރެއް ގިނަ މީހުން ދިރިއުޅެ އެވެ.
ކީމޯ ތެރަޕީ ދިނުމަށް ހާއްސަކޮށްގެން ދެ އެނދުގެ ޔުނިޓެއް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހަދައިފަ އެވެ. އެތަނަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފަންނީ ތަޖުރިބާކާރުންގެ ލަފާ ވަނީ ހޯދައިފަ އެވެ.
ކީމޯ ތެރަޕީ ދޭން ބޭނުންކުރާ ބޭހުން އުފެދޭ މެޑިކަލް ވޭސްޓުގައި ސައިޓޯޓޮކްސިކްގެ މާއްދާތައް އެކުލެވޭތީ އެތަކެތި ނައްތައިލަން ހުޅުމާޅެ ހޮސްޕިޓަލުގެ އެހީގައި ތިލަފުއްޓަށް ގެންދާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ.