ޚަބަރު

އިސްރަށްވެހިންގެ މަރުކަޒު ވަރަށް އަވަހަށް ހުޅުވޭނެ: ނައިބު ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލޭގައި ޤާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒު ވަރަށް އަވަހަށް ހުޅުވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާގެ 10 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މާލޭގައި ޤާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒުގެ މަސައްކަތްތައް ނިންމައި މިހާރު އަންނަނީ ހުޅުވުމުގެ ތައްޔާރީތައްވަމުން ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، އަތޮޅު ތެރޭގައިވެސް އެފަދަ މަރުކަޒުތައް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އަދި ވަރަށް އަވަހަށް ހުޅުމާލޭގައިވެސް އެފަދަ މަރުކަޒެއް ޤާއިމްކުރެވިގެން ދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިސްރަށްވެހިންގެ މަރުކަޒުތަކުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި އިސްރަށްވެހިންނަށް ނޫންކަމަށާއި، އެމަރުކަޒުތަކުގެ ސަބަބުން ޒުވާނުންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

ނައިބު ރައީީސް ވިދާޅުވީ، މިއަދު އިސްރަށްވެހިންގެ ގޮތުގައި ތިއްބެވި ފަރާތްތަކަކީ، މާޒީގައި، ޤައުމަށް އަދި ދިވެހިދައުލަތަށް އިޚްލާޞްތެރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި ނަމޫނާ ދައްކަވާފައިވާ ބޭފުޅުން ކަމަށެވެ.

އަދި އިސްރަށްވެހިންގެ ތަޖުރިބާތަކުގެ މުހިންމުކަން ފާހަގަކުރައްވައި ނައިބު ރައީީސް ވިދާޅުވީ، ޤައުމެއް ކުރިއަރައި ދަނީ އެކި އުމުރުފުރާގެ ހުރިހާއެންމެންގެ ވިސްނުމާއި ފިކުރު ކަންތައްތަކުގައި ބޭނުންކޮށްގެން ކަމަށެވެ.

މިޖަލްސާގައި، މަޑުލު މުޙައްމަދު ވަހީދު ލިޔުއްވައި، އިސްރަށްވެހިންގެ ޖަމިއްޔާއަށް ހަދިޔާކުރައްވާފައިވާ "ދިވެހި އިސްރަށްވެހިންނަށް ލޯތްބާއި އެކު" ފޮތް، ނެރެދެއްވީ  ނައިބު ރައީސް ފައިޞަލް ނަސީމެވެ. މީގެ އިތުރުން މިޖަލްސާގައި ވަނީ އިސްރަށްވެހިންގެ ޖަމިއްޔާގެ މެމްބަރު، އަދި ދައުލަތުން ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާ ބަދުރުއްނަޞީރު ލިޔުއްވާފައިވާ ފޮތް، "ޚިދުމަތުގެ ހަނދާންތައް" ނައިބު ރައީސް ފައިޞަލް ނަސީމަށް ވެދުމަށް އަރުވާފައެވެ.

މިފޮތަކީ، (ނ.ދ.ޝ.ޢ) ބަދުރުއްނަޞީރު، އެބޭފުޅާގެ ޙަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި، ރޭޑިއޯ ބްރޯޑްކާސްޓިންގ ދާއިރާއާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!