ޢަލީ ވަހީދު ރާއްޖެ ވަޑައިންގެންފި, ތަންފީޒު ކުރަންޖެހޭ ޖަލު ހުކުމެއް ނެތް
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލި ވަހީދު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު ތަންފީޒު ކުރަންޖެހޭ ޖަލު ހުކުމެއް ނެތްކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ޢަލީ ވަހީދު ރާއްޖެ ވަޑައިގެންފައި މިވަނީ ޖިންސީ ކުށުގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައި ވަނިކޮށް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނުމުން އިނގިރޭސި ވިލާތުގައި ދެ އަހަރެއްހާ ދުވަހު އުޅުމަށްފަހުއެވެ.
ޢަލީ ވަހީދު ރާއްޖެއަށް ވަޑައިގަތީ އެބޭފުޅާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދަޢުވާތައް ކުރިއަށް ނުގެންދިޔުމަށް މިދިޔަ މަހުގައި ނިންމާފައިވަނިކޮށެވެ. އެ ދަޢުވާތައް ކުރިއަށް ނުގެންދަން ނިންމީ އެ މައްސަލަތައް ސާބިތުކުރަން ކުރަން ހުށަހަޅާފައިވާ ހެކިތަކުން އެ މައްސަލަތައް މިހާރު ސާބިތުވާނެ ކަމަށް ޕީޖީއަށް ގަބޫލުނުކުރެއްވޭތީ ކަމަށް މަޢުލޫމާތު ލިބެއެވެ.
ޢަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ކުށުގެ ދައުވާތައް އަނބުރާ ގެންދިޔަ ނަމަވެސް، ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފީ އަޑުއެހުމަކަށް އަލީ ވަހީދު ހާޒިރުނުވި މައްސަލައިގައި އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ޙުކުމްކޮށްފައިވެއެވެ.
މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، އޭނާގެ މައްޗަށް ސުޕްރޯމް ކޯޓުން އިއްވި ހުކުމް މުރާޖައާ ކުރުމަށް އެ ކޯޓަށް ލިޔުއްވި ކަމަށެވެ. އަދި މީގެ ދުވަސްކޮޅެއްކުރިން، އެ ހުކުމް ބާތިލު ކުރިކަން ސުޕްރީމް ކޯޓުން އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަލީ ވަހީދު ތަންފީޒުކުރަން ޖެހޭ އެއްވެސް ހުކުމެއް ނެތްކަމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ ބުނެފައެވެ.
ކަރެކްޝަނުން ބުނީ އެއިދާރާއަށް އަލީ ވަހީދުގެ ޖަލު ހުކުމެއް އޮތްކަމެއް އެނގިފައި ނުވާކަމަށެވެ. އަދި އުފުލި ދައުވާތައް ބާތިލް ކުރުމުން އެހުކުމްވެސް ބާތިލްވީ ނުވަތަ އެއީ ގޭބަންދު ހުކުމަކަށް ވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.
ދައުވާތައް އަނބުރާ ގެންދަން ނިންމި ސަބަބެއް ކަމަށް ޕީޖީން ބުނީ އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ދޭން ބަޔާން ދިން މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވުމެވެ. އަދި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވާތީ ކަމަށް ވެސް ޕީޖީން ބުންޏެވެ. އެހެންވެ މިހާރު އަލީ ވަހީދުގެ މައްޗަށް ދައުވާތައް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.
ޢަލީ ވަހީދަށް ދައުލަތުން ދަޢުވާކުރި މައްސަލަތަކުގައި، ޢަލީ ވަހީދާއި ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުން އެ މައްސަލަތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ފުލުހުންނަށް ލިޔުމުން އެކަން އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއްވާފައިވެއެވެ. އެހެންވެ އަލީ ވަހީދުގެ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމީ އެ މައްސަލަތައް އަލުން މުރަޖައާކުރުމަށްފަހު ކަމަށާއި އެ މައްސަލަތަކުގައި މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކި ބަސް ކަމުގައިވާއިރު، އެ ހެކި ބަހާ ނުލައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް މިފެންނަނީ ! ޖޯކަރު އަދީބް ފުރުވާލާފަ ޖޯކަރު އަލީ ގެނެސްގެން ޗަރުކޭސް ކުޅެނީ !