ދުނިޔެ

ހަނދަށް ދަތުރު ކުރާ އިންޑިއާގެ މިޝަން ކާމިޔާބުކަމާ އެކު ލޯންޗުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަނދަށް ކުރާ އިންޑިއާގެ ތިން ވަނަ މިޝަން ކާމިޔާބުކަމާ އެކު ލޯންޗުކޮށްފި އެވެ. ހުކުރު ދުވަހު ލޯންޗުކުރި މިޝަންގެ އަމާޒަކީ ހަނދުގެ ދެކުނު ދިރާސާ ކުރުމެވެ.

Ads by Sosun Fihaara

އޯބިޓާއަކާއި ލޭންޑަރެއް އަދި ރޯވާއެއް ހިމެނޭ ޗަންދްރަޔާން-3 ލޯންޗުކުރީ ހުކުރު ދުވަހުގެ މެންދުރު ސްރީހަަރިކޯޓާ ސްޕޭސް ސެންޓަރުންނެވެ.

އެ އުޅަނދު ހަނދާ ހަމައަށް ފޯރާނެ ކަމަށް ބެލެވެނީ އޯގަސްޓު 23 ނުވަތަ 24 ގަ އެވެ.

ކާމިޔާބުވެއްޖެ ނަމަ، އިންޑިއާ ވާނީ ހަނދަށް އުޅަނދެއް ތިރިކުރެވުނު ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން އެމެރިކާ ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަނުން އެކަން ހާސިލްކުރި އެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ޗަންދްރަޔާން-3 އާ އެކު އިންޑިއާ ޖައްވީ މަސައްކަތުގައި މުޅިން އާ ބާބެއް ހުޅުވިފައިވާ ކަމަށެވެ.

މި މިޝަންގެ އަމާޒަކީ މީގެ ކުރިން އިންޑިއާއިން ހިންގި ހަނދާ ގުޅުން ހުރި މިޝަންތަކުގެ ކާމިޔާބުގެ މައްޗަށް ބިނާކޮށް އިތުރު ކުރިއެރުންތައް ހޯދުމެވެ.

އިންޑިއާގެ އެންމެ ފުރަތަމަ ހަނދުގެ މިޝަން ފެށީ މީގެ 13 އަހަރު ކުރިން 2008 ގަ އެވެ. އެ ދިރާސާގައި ބެލީ ހަނދުގައި ފެން ހުރޭތޯ އެވެ.

އޭގެ ފަހުން ޖުލައި 2019 ގައި ލޯންޗުކުރި ދެ ވަނަ މިޝަންގައި ވެސް އޯބިޓާއަކާއި ލޭންޑަރެއް އަދި ރޯވަރެއް ފޮނުވި ނަމަވެސް އެ މިޝަން އެއްކޮށް ކާމިޔާބެއް ނުވި އެވެ.

ހަނދުގައި ޖައްސަަން އުޅުމުގެ ތެރޭގައި އެ އުޅަނދު ވެއްޓުނު ނަމަވެސް، އޭގެ އޯބިޓާ އަދިވެސް ދަނީ ހަނދު ވަށައި ބުރު ޖަހަމުންނެވެ.

ތިން ވަނަ މިޝަންގައި ހުކުރު ދުވަހު ލޯންޗުކުރި އުޅަނދުގެ ބަރުދަަނުގައި 3900 ކިލޯ ހުރެ އެވެ. އެ މިޝަނަށް 75 މިލިއަން ޑޮލަރު ހޭދަވެފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!