ޚަބަރު

ބޭރުގެ ފަރާތްތަކުން ވެސް އިރުޝާދު ދީފައިވަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިންތިހާބު ބާއްވަން: ހަބީބު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭރުގެ ފަރާތްތަކުން ވެސް އިރުޝާދު ދީފައިވަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށް، ރިޔާސީ އިންތިހާބު ގެ މަސައްކަތްތައް ކުރިޔަށް ގެންކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

Ads by STELCO

ހަބީބް މިހެން ވިދާޅުވެފައިވަނީ އިލެކްޝަން ކޮމިޝަނުން އިންޑިއާގެ ސަފީރާއެކު މަޝްވަރާގެ ބައްދަލުވުމެއް ކުރިޔަށް ގެންދިއުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އީސީއަށް ތުހުމަތު ރައްދު ކުރުމާއި ގުޅިގެންނެވެ. އިދިކޮޅު ޕީޕީއެމް އިން ވަނީ އިންޑިއާއިން ރާއްޖޭގެ އިންތިޚާބަށް ނުފޫޒު ފޯރުވާން ވިސްނަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ހަބީބް ވިދާޅުވެފައިވަނީ, އިލެކްޝަން ކޮމިޝަނުން ބޭރުގެ މިޝަންތަކާއި ބޭރުގެ އިލެކްޝަން ކޮމިޝަންތަކާއި މިފަހުން ބައްދަލުކޮށްފައިވާ ކަމަށެވެ.

"ރިޔާސީ އިންތިޚާބު 2023 އޮބްޒާވް ކުރުމަށް އާންމުކޮށް ހުޅުވާލި ފުރުސަތާ ގުޅިގެން، ދުނިޔޭގެ އެކި ޖަމިއްޔާ، ޖަމާޢަތްތަކާއި، އެކިއެކި ގައުމުތަކުން ވޭތުވެދިޔަ ގާތްގަނޑަކަށް ދެމަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރައްވާފައިވޭ." ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ އިތުރުން ވެސް ބައެއް ޤައުމުތަކުން އިންތިޚާބުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"ޔޫ.އެން، ޔޫރަޕިއަން ޔޫނިއަން، ކޮމަންވެލްތު، ޔޫ.އެސް އެއިޑް، އައިއެފްއީއެސް އާއި، އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، އިނގިރޭސި ވިލާތް އަދި އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ކޮމިޝަނާ ބައްދަލު ކުރައްވައި، އިންތިހާބު އޮބްޒާވް ކުރެއްވުމާ ބެހޭގޮތުންނާއި، އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވައި، ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މައްޗަށް މަޝްވަރާ ކުރައްވާފައިވޭ. "

ހަބީބް އިތުރަށް ވިދާޅުވީ, ބޭރުގެ ވީހާވެސް ގިނަ ފަރާތްތަކުން އިންތިހާބު އޮބްޒާވް ކުރެއްވުމަކީ، އިންސާފުވެރި ކަމާއެކީގައި އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ލިބޭ ހިތްވަރެއް ކަމަށެވެ. އަދި މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށް، ރިޔާސީ އިންތިހާބު ގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ މައްޗަށް ނޫން ގޮތަކަށް، ބޭރުގެ އަދި އެތެރޭގެ އެއްވެސް ފަރާތަކުން ވެސް، އެއްވެސް މަޝްވަރާއެއް ކޮމިޝަނަށް ދެއްވާފައި ނުވާ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!