ބޮލީވުޑް މުނިފޫހިފިލުވުން

އަންހެން ދަރިފުޅުގެ ފަޅުކަން ފިލުވައިދިނީ އައިޝްވާރިޔާ: ޖަޔާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޖަޔާ ބައްޗަން އަދި އައިޝްވާރިޔާ ރާއީ ބައްޗަން

ބައްޗަން އާއިލާއަކީ ބޮލީވުޑްގެ އެންމެ ދޮށީ އެއް އާއިލާއެވެ.

Ads by MWSC

ސުޕަސްޓާ އަމީތާބު ބައްޗަންއާއި ހިސާބުން ފެށުނު މި އާއިލާގައި ފިލްމީ ދާއިރާއަށް ނިސްބަތްވާ ތިން މެމްބަރުން ތިއްބެވެ.

އެއީ އަމީތާބުގެ އިތުރުން އަންހެނުން ޖަޔާ ބައްޗަން އާއި އަބީޝެކް ބައްޗަންއެވެ.

އަބީޝެކް ކައިވެނީގެ ގޮތުން ގުޅިގެން 2007 ވަނަ އަހަރު އެއާއިލާއަށް ގެންދިޔައީވެސް ބޮލީވުޑް ބަތަލާ އެކެވެ. އެއީ އައިޝްވާރިޔާ ރާއީއެވެ.

އައިޝްވާރިޔާ އަކީ ބައްޗަން އާއިލާއާއި ގުޅުމުގެ ކުރިންވެސް މަގްބޫލު އަދި ކާމިޔާބު ތަރިއެކެވެ.

އެންމެ ރީތި މިސް ވޯލްޑުގެ ގޮތުގައިވެސް ފާހަގަކުރެވޭ އައިޝްވާރިޔާ އެގެއަށް ދިޔައިރު އެކި ކަހަލަ ވާހަކަތައް މީޑިއާގައި ދެކެވުނެވެ.

އައިޝްވާރިޔާގެ ކުރިން ދެ ތަރިއަކާއި އަބީޝެކް ލޯބީގެ ގޮތުން ގުޅުނެވެ. އެއީ ކަރިޝްމާ ކަޕޫރުގެ އިތުރުން ރާނީ މުކަރުޖީއެވެ. އޭގެ ތެރެއިން ކަރިޝްމާ ވަނީ ބައްޗަން އާއިލާއިން މީޑިއާތަކަށްވެސް ދަނބި ދަރީގެ ގޮތުގައި ތައާރަފުކޮށްދީފައެވެ. އެހެންނަމަވެސް އާއިލާގެ ޕްރެޝަރުގެ ސަބަބުން ކަމަށް ތުހުމަތު ކުރެވި އެގުޅުން ކައިވެންޏަކާއި ހަމައަށް ނުދަނީސް ރޫޅުނީއެވެ.

އައިޝްވާރިޔާ ބައްޗަންގެ ގެއަށް ދިޔައިރު އަމީތާބު އަދި ޖަޔާގެ ދޮށީ ދަރި ޝްވެތާ ބައްޗަން ވަނީ ކައިވެންޏެއް ކޮށް ފިރިމީހާގެ ގެއަށް ބަދަލުވެފައެވެ. އައިޝްވާރިޔާ ގެއަށް ދިޔުމުން ކުރެވުނު އިހުސާސްތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ޖަޔާ ބުނީ ދަނބި ދަރި ގެއަށް އައުމުން ޝްވެތާ ނެތްކަމުގެ ފަޅު މުޅިން ފިލައިގެން ދިޔަ ކަމަށެވެ. އަދި އަމީތާބު އައިޝްވާރިޔާއަށް މަރުހަބާ ކީ ޝްވެތާއަށް އޮތް ލޯތްބާއިއެކު ކަމަށް ޖަޔާ ބުންޏެވެ.

އައިޝްވާރިޔާ އަކީ މަޝްހޫރުކަން ހޯދާފައިވާ ތަރިއެއް ނަމަވެސް ގެއަށް އައުމާއިއެކު ވަރަށް އަވަހަށް އެއާއިލާގެ ކަންތައްތަކަށް ހޭނުނުކަމަށް ޖަޔާ ބުންޏެވެ. އަދި ޖަޔާ އާއި އައިޝްވާރިޔާއާއި ދެމެދު ލޯބި ފިޔަވައި އިތުރު އެއްވެސް އިހުސާސެއް ނޯންނަ ކަމަށް އޭނާ ބުންޏެވެ. ބައެއް މަންމައިންނާއި އެމީހުންގެ ދަނބިދަރިންނާއި ދެމެދު މައްސަލަ ޖެހުނަސް އައިޝްވާރިޔާއާއި އެފަދަ އެއްވެސް މައްސަލައެއް ނުޖެހޭކަމަށް ޖަޔާ ބުންޏެވެ.

އައިޝްވާރިޔާއާއި އަބީޝެކްގެ ކައިވެންޏަށް 16 އަހަރު ވެފައިވާއިރު ދެމީހުންގެ ހުންނަނީ އެންމެ ދަރި އެކެވެ.

އަމީތާބަށް ކާފަ ކިޔާ އިތުރު ދެ ކުދިން ޝްވެތާގެ ތިބެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!