ޚަބަރު އިޖުތިމާޢީ

ބޮލަކަށް 3500 ގެ ރޭޓުން މުދަލު ޒަކާތް 7657 މީހަކަށް ޖަމާކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

1444 ވަނަ އަހަރުގެ މުދަލު ޒަކާތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފިއެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދެއްވި ގޮތުގައި މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26,799,500 (ސައްބީސް މިލިއަން ހަތްދިހަނުވަ ލައްކަ ނުވަހާސް ފައްސަތޭކަ) ރުފިޔާއެވެ.

މި ފައިސާ ފަޤީރުންގެ ލިސްޓްގައި މިއަހަރު ހިމެނޭ 7657 (ހަތްހާސް ހަސަތޭކަ ފަންސާސް ހަތެއް) މީހުންނަށް، ބޮލަކަށް3500 (ތިންހާސް ފައްސަތޭކަ) ރުފިޔާގެ ރޭޓުން ވަނީ 18 ޖުލައި 2023ގައި، އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ކަމަށް އެމިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7312.55 ރުފިޔާއެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!