ސަރުކާރުތަކުން އިޙްމާލު ނުވިނަމަ ކެލާއަކީ އިޤްތިޞާދީ ގޮތުން އެންމެ ފުދުންތެރި ރަށަށް ވެގެން ދިޔައީސް: ރައީސް ޞާލިޙް
ސަރުކާރުތަކުން ހއ. ކެލައަށް އިޙްމާލުވެފައި ނުވިނަމަ, އެ ރަށަކީ އިޤްތިޞާދީ ގޮތުން އެންމެ ފުދުންތެރި ރަށަކަށް ވެގެން ދިޔައީސް ކަމަށް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ, މިހާރު ތިލަދުންމަތީގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުފުޅުގައި މިއަދު ހއ. ކެލައަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
"ކެލާއަކީ ވަރަށް ބޮޑު ރަށެއް, ވަރަށް ރީތި ރަށެއް, އުންމީދުތަކެއް އޮތް ރަށެއް. ތަރައްްޤީ ފެނިގެންދާނެ ރަށެއް. އިޤްތިޞާދު ކުރިއެރުވޭނެ ރަށެއް" ރައީސްގެ ވާހަކަފުޅު ފައްޔަވަމުން ވިދާޅުވިއެވެ.
"މިހާތަނަށް އައިރުގައި ކެލާއަށް މިކަން ނުކުރެވި އޮތީ, އަޅުގަނޑު ދަންނަވާނީ ސަރުކާރަކުން ކުރަން ޖެހޭ ކަންތައް ނުކޮށް އޮތުމުފެ ސަބަބުން ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމް ނުކުރެވި އޮތް އޮތުމުންނޭ, އެހެންނަމަ މި ކެލައަކީ އިޤްތިޞާދީ ގޮތުން އެންމެ ފުދުންތެރި އެއް ރަށަށް ވެގެން ދިޔައިސް
ރައީސް ޞާލިޙް ވިދާޅުވީ ކެލައަކީ ބޮޑު ރަށެއް ކަަމަށާއި, އެރަށުގައި ދަނޑުވެރިކަން ފަދަ މަސައްކަތްތައް އިޤްތިޞާދު ކުރިއެރުވޭނެ ކަމަށެވެ. އަދި އެރަށުގައި ބޮޑު ގޮނޑުދޮށެއް އެބައޮތް ކަމަށާއި ފަތުރުވެރިކަން ވެސް ކުރިއެރުވޭނެ ކަމަށެވެ.
ހަމައެގޮތަށް, އެރަށުގައި އެ މަސަައްކަތްތައް ކުރަން ވިސްނުންތެރި މީހުން އެބަތިބި ކަމަށާއި, ފަންނުވެރިން ތިބި ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, ކެލާގެ ތަރައްޤީއަށް ހަމައެކަނި މަދުވަނީ ސަރުކާރުން އަޅާނުލާ އޮތް އޮތުން ކަމަށެވެ.
އަދި 2018 ވަނަ އަހަރު ނިކުތީ އެކަން ބަދަލު ކުރަން ކަމަށާއިމ ރަށްރަށުގައި ހުރި ޤުދުރަތީ ވަސީލަތްތަކާއި, މީހުން ބޭނުންކޮށް މުޅި ރާއްޖެ ތަރައްޤީ ކުރަން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
"މީގެ ފަސް އަހަރު ފަހުން, އައި އިރު އާ އުންމީދު ތަކެއް އެބަހުރި," ރަައީސް ވިދާޅުވީ އަސާސީ ޚިދުމަތްތައް ކެލާގައި ޤާއިމް ކުރެވި ބޮޑު ބަދަލެއް އެރަށަށް މިހާރު އަންނަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ވަކި ރަށްރަށް ބާކީކޮށްގެން, މުޅި ރާއްޖެ ތަރައްޤި ނުކުރެވެނޭ ކަމަށް ވެސް ވިދާޅުވިއެވެ.