"ޗިޕު" އެތެރެކުރުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރަޝިޔާއިން ރާއްޖެ ބޭނުން ކުރާކަމަށް ބުނެފި

އެމެރިކާގައި އުފައްދާފައިވާ 400،000 ސެމީކޮންޑަކްޓަރު ޗިޕު ރާއްޖެ މެދުވެރިކޮށް ރަޝިއާއަށް އެތެރެކޮށްފައިވާކަމަށް ޖަޕާނުގެ ނޫހެއް ކަމަށްވާ ނިކެއި އޭޝިއާއިން ރިޕޯޓް ކޮށްފިއެވެ.
އެނޫހުން ރިޕޯޓް ކޮށްފައިވާގޮތުގައި މިތަކެތީގެ ޖުމްލަ އަގަކީ 53.6 މިލިއަން ޑޮލަރެވެ. އަދި މިފަދަ ކޮންމެ ޝިޕްމަންޓެއްގެ އަގު 50،000 ޑޮލަރަށް ވުރެ މަތި ކަމަށް ރިކޯޑްތަކުން ދައްކާކަމަށްވެސް ބުނެފައިވެއެވެ.
ހަނގުރާމަވެރި ހަތިޔާރު އުފެއްދުމަށްވެސް ބޭނުން ކުރާ މި ޗިޕު އެތެރެކުރުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރަޝިޔާއިން ރާއްޖެ ބޭނުން ކުރަމުންދަނީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން ވެގެންކަމަށް ވެސް އެނޫހުގެ ރިޕޯޓްގައި ބުނެފައިވެއެވެ.
ނިކެއި އޭޝިޔާގެ ރިޕޯޓްގައި ބުނެފައިވާގޮތުގައި 14 އެކްސްޕޯޓަރުން މެދުވެރިކޮށް ރާއްޖެއިން ރަޝިއާއަށް ސެމީކޮންޑަކްޓަރު އެތެރެކޮށްފައިވާއިރު މި 14 ކުންފުންޏަކީ އެއްވެސް ކުންފުންޏަކީ ރާއްޖޭގައި ގާއިމްކޮށްފައިވާ ކުންފުންޏެއް ނޫނެވެ. އެނޫހުގެ ރިޕޯޓްގައި އިތުރަށް ބުނެފައިވާގޮތުގައި ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެއިން ރަޝިއާއަށް ސެމީކޮންޑަކްޓަރު ޗިޕުގެ އެއްވެސް ޝިޕްމެންޓެއް އެތެރެކޮށްފައެއް ނުވެއެވެ.