ޚަބަރު

ރާބޮއެ، މަސްތުވެގެން އުޅޭނަމަ ބޮޑު ވިޔަފާރި ވެރިޔަކަށް އަދި މަޖިލީހުގެ މެމްބަރަކަށް ނުވީސް: ޖާބިރު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މަސްތުވާތަކެތި ބޭނުންކޮށް އެ ބޮއެގެން މަސްތުވެގެން އުޅޭނަމަ ބޮޑު ވިޔަފާރި ވެރިޔަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އެމްޑީޕީގެ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖާބިރު މިހެން ވިދާޅުވީ، "ވަގުތު" ޓީވީން ކޮންމެ ހަފްތާއަކު އެއް ފަހަރު ގެނެސްދޭ "ހޫނު ގޮނޑި" ޕްރޮގްރާމްގައި ޕްރެޒެންޓަރު ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. "ހޫނު ގޮނޑި" ޕްރޮގްރާމަކީ ސިޔާސީ އެކިއެކި ބޭފުޅުންނާ ދޭތެރޭގައި ރައްޔިތުން އާންމުގޮތެއްގައި އަހައި އުޅޭ އެކިއެކި ސުވާލުތަކައް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން، އެ ޕްރޮގްރާމް ހުށަހަޅުއްވައިދެއްވަން އިން ބޭފުޅާވަނީ ޖާބިރު މަސްތުވާތަކެތި ނުވަތަ ބަނގުރާ ބޭނުންކުރައްވަންތޯ ސުވާލުކުރައްވާފައެވެ. އެސުވާލު ކުރެއްވުމާއެކު އެފަދަ އެއްވެސް ކަމެއް ޖާބިރުގެ މައްޗަށް ސާބިތުވެފައިނެތްކަމަށް ވިދާޅުވެ، އެފަދަ ސުވާލެއް ކުރެއްވުމުން އެއީ ސާބިތު ނުހިފޭ ކަމެއްކަމަށް ވިދާޅުވެ ޖާބިރު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

އަދި ޕްރެޒެންޓް ކުރައްވަން އިން ބޭފުޅާގެ ލޮލަށް ބެއްލެވީމައި އެ ބޭފުޅާވެސް ހަކުރުބޯކަމަށް ލަފާކުރެވޭކަމަށް ވިދާޅުވެ ޖާބިރުވަނީ އެބޭފުޅާ އަކީ "ހަކުރު ބޯ" ބޭފުޅެއްތޯވެސް ސުވާލުކުރައްވާފައެވެ.

ހަމައެއާއެކު ޕްރެޒެންޓަރު ކުރެއްވި ސުވާލުގެ ޖަވާބުގައި އެކަހަލަ ވާހަކަ ނުދެއްކޭނެކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގޮޑިއެއް ރާބޯ މީހަކަށް ނުލިބޭނެކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު ދުވަހަކުވެސް ތިފަދަ ކަމެއްގައި ނެތޭ އެއްވެސް ތަނަކުން ހުކުމެއް އައިއްސަ" ޖާބިރު ވިދާޅުވެއެވެ.

މީގެ އިތުރުން މިރާއްޖޭގެ ޙާލަތު ވިދާޅުވެދެއްވަމުން ޖާބިރު ވިދާޅުވީ ތިމާއަށްވުރެ އިލްމުވެރި މީހަކު ފެނިއްޖެނަމަ އެމީހަކީ ބޮއެގެން އުޅޭ މީހަކަށްވާ ކަމަށާއި، އަދި ތިމާއަށްވުރެ މޮޅު ވާހަކަތަކެއް އެހެން މީހަކު ދައްކާކަމުގައިވާނަމަ އެމީހަކީ ކަމެއްނުކޮށް ގޭގައި އޮވެ ހަކުރު ބޮއެ "އަނބިމީހާގެ ތައްޕާހުގައި" އުޅޭ މީހަކަށް ވެގެންދާކަމަށެވެ،

ޖާބިރު އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ތަފާތު މީހެއްކަމަށާއި، މަސައްކަތެއް ނުކޮށް އަބަދު "އަމަލުވެގެން" އުޅޭނަމަ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔަކަށްވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އެމަނިކުފާނު ވާނީ ކިހިނެއްތޯ އައްސަވާފައެވެ. އަދި އެގޮތަށް އުޅޭނަމަ ޒިންމާދާރުކަމާއެކު ހެނދުނު ހޭލައިގެން ވަޒީފާއަށް ދެވޭނެތޯވެސް ޖާބިރުވަނީ އައްސަވާފައެވެ.

"އަޅުގަނޑަކީ ތަންކޮޅެއް ފްރެންޑްލީކޮށް އުޅޭ މީހެއް. އޭގެ މާނައަކީ އަޅުގަނޑު ބޮއެގެން އުޅެނީއެއްނޫން" ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން ސާބިތުނުހިފޭ ވާހަކަތައް ޓީވީ ޕްރޮގްރާމްތަކުގައި ދައްކައިގެން ނުވާނެކަމަށާއި "ހޫނު ގޮނޑި" އަކީ އެފަދަ ވާހަކަތައް ދައްކާ ތަނެއްނޫންކަމަށާއި އެތަނުގައި ދައްކަން ރަނގަޅީ އިލްމީ ވާހަކަކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ކޮންމެ މީޑިއާކަށް އަރައި ތަކުރާރުކޮށް އެ ސުވާލަށް ޖަވާބުދެއްވަން ނުޖެހޭނެކަމަށާއި އެމަނިކުފާނު ކުރައްވާ މަސައްކަތާއި ގުޅިގެން ސުވާލުނުކުރައްވާކަން ޖާބިރުވަނީ ފާހަގަކުރައްވާފައެވެ.

އަދި އެސުވާލުގެ ޖަވާބުގައި ރާއްޖޭގެ ރައްޔިތުންނަށް އެނގެންވީ އެންމެ ކަމެއްކަމަށާއި އެއީ މި ރާއްޖެއަކީ ޓޫރިޒަމް ޑެސްޓިނޭޝަނެއްކަމާއި މިތާނގައި މަސައްކަތްކުރާ މީހުންނަކީ ތަފާތު މީހުންކަމާއި، ޖާބިރު އާއި އެހެން ބޭފުޅުންނާއިވެސް ތަފާތުވާނެކަން ދަންނަންޖެހޭނެކަމަށާއި މި ބާވަތުގެ ކަންތައްތަކުގައި މި ރާއްޖޭގެ މީހުން "އެޑިއުކޭޓު" ވާން ޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި "ހޫނު ގޮނޑި" ޕްރޮގްރާމުގައި ރައްޔިތުން ބުނެގެންކަމަށް ވިޔަސް އެފަދަ ސާބިތުނުހިފޭ ސުވާލެއް އެމަނިކުފާނާއި ކުރެއްވީތީ އެ ޕްރޮގްރާމުގެ އަގުވެއްޓިއްޖެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!