ޚަބަރު

އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން ކަށަވަރުވެފައިވަނީ އެންމެ ދެ ޤައުމެއްގައި: އީސީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ، މެލޭޝިޔާ އާއި އިނގިރޭސިވިލާތުގައި އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

Ads by MWSC

ހަބީބު މިއަދު ވިދާޅުވީ، އިއްޔެގެ ނިޔަލަށް ރީ-ރަޖިސްޓްރީކުރަން ހުށަހެޅީ 11933 ފޯމު ކަމަށާއި މީގެ ތެރެއިން 8624 ފޯމަކީ އޮންލައިންކޮށް ލިބިފައިވާ ފޯމުތަކެއް ކަމަށެވެ. އަދި ވޯޓު ފޮށި ބަހައްޓަން ނިންމި 8 ގައުމުގެ ތެރެއިން މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭކަން ކަށަވަރުވެފައިވަނީ މެލޭޝިޔާއާއި އިނގިރޭސިވިލާތް ކަމަށް ހަބީބް ފާހަގަކުރެއްވިއެވެ. މި ދެ ގައުމު ފިޔަވައި ދެން ވޯޓު ފޮށި ބަހައްޓަން އީސީން ނިންމި ގައުމުތަކަކީ ސްރީ ލަންކާ، އިންޑިއާ، ޖަޕާން، ތައިލެންޑް، ޔޫއޭއީ، އަދި ސިންގަޕޫރެވެ.

ބާކީ ހުރި ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓެވަރަށް، ވޯޓުލާ މީހުން ރަޖިސްޓްރީވެފައިނުވާކަމަށާއި، އެންމެ ފަހު ވަގުތާޖެހެންދެން ނުތިއްބަވައި، ވީހާވެސް އަވަހަކަށް ރީ-ރެޖިސްޓްރީ ކުރެއްވުމަށް ހަބީބުވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ރީ-ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މައުލޫމާތު އެ ކޮމިޝަނުގެ ވެބްސައިޓުގައި ހާމަކުރަމުންދާކަމަށާއި ސިޔާސީ ޕާޓީތަކާއިވެސް ޙިއްސާކުރެވެމުންދާކަމަށް ކަމަށްވެސް ހަބީބު ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!