ޚަބަރު

މީހުން މަރައި ކަތިލުމުގެ ދައުވާކޮށްފައިވިޔަސް ފެނަކައިން ވަޒީފާ ކަށަވަރުވާނެ: އިމްތިޔާޒް ފަހުމީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މީހުން ކަތިލައި މެރުމުގެ ދައުވާ އުފުލިފައިވިޔަސް ފެނަކަ އިން ވަޒީފާ ކަށަވަރުވާންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންތި މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން ހއ.ތަކަންދޫ އިބްރާހީމީ ހިޔާ, ނަދީމް ޢަބްދުއްރަޙީމް (ނަޑޭ) މަރައިލި މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކަށް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސީނިއާ އޮފިސަރުންގެ ވަޒީފާ ދީފައިވާތީ ހައި ކޯޓުގެ ފަނޑިޔާރުން އެކަމާއި ސުވާލު އުފައްދާފައިވަނިކޮށެވެ.

މިކަމާ ގުޅިގެން އިންތި ވިދާޅުވީ އެމްޑީޕީ ވެރިކަމަށް ގެނައުމަށް ގުރުބާންވި މީހެއް ކަމަށް ވޮޔަސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ދެވަނަ ދައުރަކަށް ގެނައުމަށް ބެނުންފުޅުނުވާ ބޭފުޅުން ވަގުތުން ވަޒީފާއިން ވަކިކުރައްވާކަމަށެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދަޢުވާ ގ.ޝާރާޒް, މުޙައްމަދު މަފާޒްގެ މައްޗަށް އުފުލާފައިވާއިރު ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގައި ބައިވެރިވިކަމުގެ ދަޢުވާ ލ.ގަން, ވިދާތަރި, ޢަލީ ނިފާޒާއި, ރ.އިންނަމާދޫ, ސަމަންތާ, ޙުސައިން ޝާމިންއާއި, ގއ.ގެމަނަފުށި,ހަވާސް, މުޙައްމަދު ކަރަމް ސުހައިލުގެ މައްޗަށް ކޮށްފައިވެއެވެ.

އެހެންނަމަވެސް، ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމާފައިވާއިރު، އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، މައްސަލަ ނިމެންދެން އެ އެންމެން ބަންދުގައި ބޭއްތިބުމަށް ވަނީ އެދިފަ އެވެ.

ނަދީމް މަރާލި މައްސަލައިގައި ތުހުމަތުވާ މީހުންނަކީ މުޖުތަމައަށް ނުރައްކާވާ ބައެއް ކަމަށާއި އެހެންވެ އެ މީހުން ބަންދުގައި ބޭތިއްބުމުގެ މުހިންމު ކަން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުން ފާހަގަކުރައްވާފައިވާއިރު ވަކީލުން ވިދާޅުވީ، ކުށުގެ ރިކޯޑް ވެސް އޮތް، އެ މީހުންނާ ދެކޮޅަށް ހެކިތައް ހުރި އިރު ކުށް ކޮށްފައި ވަނީ ނުރައްކާތެރި ގޮތްތަކަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެހެންވެ، ދަށު ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު ވެސް އެންމެން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމާއި އެ ހާލަތު އަދިވެސް އެ ގޮތުގައި ދެމި އެބައޮތް ކަމަށް ވަކީލު ފާހަގަކުރެއްވުމާއެކު، ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ، ދައުވާ ލިބޭ ދެ މީހުން ކަމަށްވާ ހުސައިން ޝާމީނާއި މުހައްމަދު ކަރަމް ސުހައިލަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ވަޒީފާ ދީފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

"މިހެންވެ ދައުލަތުގެ ސްޓޭންޑް އެބަ އޮޅޭ. ފަނޑިޔާރުން ކިހިނެއްތޯ ބަލަންވީ؟ ކޮން ގޮތެއް ތޯ ދައުލަތުން ބޭނުން ވަނީ؟ އެ މީހުން ވަޒީފާ ދީފައި ބައިތިއްބަންތޯ ނޫނީ ޖަލުގައި ބައިތިއްބަންތޯ؟" ފަނޑިޔާރު އެއްސެވި އެވެ.

ފަނޑިޔާރުގެ ސުވާލަށް ދައުލަތުގެ ވަކީލު ޖަވާބުދެއްވަމުން ވިދާޅުވީ، ޝާމީނާއި މުހައްމަދު ކަރަމް ސުހައިލަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާކަން އެނގިވަޑައިގެންފައި ނެތް ކަމަށާއި ނަމަވެސް، އެކަން އެގޮތަށް ހިނގާފައިވާ ނަމަ އެއީ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއް ކަމަށް ވިޔަސް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"ދައުލަތުގެ ޕްރޮސިކިއުޓާ ޖެނަރަލްގެ ސްޑޭންޑެއް މި ކަމުގައި ބަދަލެއް ނުވޭ، ވަޒީފާ ދޭން ނިންމާފައި އެ ވަނީ ވަރަށް ޒިންމާދާރު ކުޑަކޮށް،" ވަކީލް ވިދާޅުވި އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!