ސުޕްރީމު ކޯޓުން ފުރާޅު ނެގުމާ ކައުންސިލްތައް ތަޅުއަޅުވާ ސަސްޕެންޑް ކުރި ދުވަސް މާޒީ ވެއްޖެ: ފައްޔާޒު

ސުޕްރީމު ކޯޓުން ފުރާޅު ނެގުމާ ކައުންސިލްތައް ތަޅުއަޅުވާ ސަސްޕެންޑްކުރި ދުވަސް މާޒީ ވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާުޒު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ވޭތުވެދިޔަ 5 އަހަރު މިސަރުކާރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހެޔޮވެރިކަމަކަށް އަލުން އަނބުރާ އިޔާދަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ސުޕްރީމު ކޯޓުން ފުރާޅު ނެގުމާ ކަުއުންސިލްތައް ތަޅުއަޅުވާ ސަސްޕެންޑްކުރި ދުވަސް މާޒީ ވެއްޖެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިގެން މިދަނީ ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓެއްގެ ފުރާޅުން ވެސް ޓިނު ނުނަގާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ސިޔާސީ ބޭނުމުގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމުގެ ޔަގީންކަން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް ވިދާޅުވެފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ބޭފުޅުން އެގޮތް އޭރު ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އެޕާޓީގެ ސިޔާސަތަކަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.