އިންތިޚާބުގެ ވޯޓު ކަރުދާސް މާދަމާ ރަށްރަށަށް ފޮނުވަން ފަށަނީ

ރިޔާސީ އިންތިޚާބު 2023 ގެ ވޯޓު ކަރުދާސްތައް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމި، އަތޮޅުތަކަށް ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް މާދަމާ ފެށޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވޭ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި، އިލެކްޝަންސް ކޮމިޝަނާ ދެމެދު ވަނީ ފަހުމުނާމާ އެއްގައި ސޮއިކޮށްފައިކަމަށާއި އަދި އެކަން އެގޮތުގެމަތިން ކުރިޔަށް ދާކަމަށެވެ،
މިގޮތުން، އުތުރުގެ އަތޮޅުތަކަށް މާދަމާ (2023 އޮގަސްޓު 29 ގައި) އަދި ދެކުނުގެ އަތޮޅުތަކަށް 30 އޮގަސްޓުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު، ޑިސްޕެޗް މަސައްކަތްތައް ކުރިއަށްދާގޮތަށްވަނީ ހަމަޖެހިފައިކަމަށާއި މިހާރު ޑިސްޕެޗް ކުރެވޭ ތަކެތި ޙަވާލުކުރާނީ، ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާތަކަށް ކަމަށް ހަބީބު ވިދާޅުވިއެވެ.
ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާ ތަކެތީގެ ޑިސްޕެޗްގެ މަސައްކަތްތައް ކުރިއަށްދާނީ، 2023 ސެޕްޓެންބަރު 06 ވާ ބުދަދުވަހު ކަމަށްވެސް ހަބީބު މައުލޫމާތުދެއްވައެވެ.
އިންތިޚާބުގެ މަސައްކަތްތައް ކުރަމުންދާއިރު އަދި އިންތިޚާބަށް މަދު ދުވަސް ކޮޅަކަށްވެފައިވާއިރު އެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން ދެއްވާ އެއްބާރުލުން އީސީ އިން ފާހަގަ ކުރައްވާކަމަށް ހަބީބު ފާހަގަކުރެއްވިއެވެ.