އެންމެ ތިން މަސް ތެރޭގައި ކުރި ކެންޕެއިނުން ދައުލަތް ބަލިކުރެވިއްޖެ: އަމްރު

ރިޔާސީ އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައި އޮއްވާ އާ ސިޔާސީ ޕާޓީއެއް އުފައްދައި، ވާދަވެރި ރިޔާސީ އިންތިޚާބަކަށް ކުރިމަތިލައި، އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ކުރެވުނު ކެންޕެއިނުން ދައުލަތް ބަލިކުރެވިއްޖެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޙުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ނަތީޖާގެ އުފަލުގައި އެޕާޓީގެ ސަޕޯޓަރުންނާއެކު ބޭއްވި ހަވީރުގެ ސަޔަށްފަހުގައެވެ.
އަމްރު ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެޕާޓީގެ ފަރާތުން ރަށްރަށުގައި ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވަަރަށް ވަރުގަދަކޮށްކަމަށާއި އެކަން އެގޮތަށް ކުރެވުނީ ޓީމުތަކުގެ މެދުގައި އޮތް ބަދަލި ގުޅުމުގެ ސަބަބުންކަމަށެވެ.
"ސިޔާސީ ޕާޓިއެއް ހަދައިގެން ނުކުމެ، ތިން މަސް ތެރޭގައި ކުރި ކެމްޕެއިނަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އޮތީ މުޅި ދައުލަތެއް ބަލިކޮށްފައި. އެހެންކަމުން ތިބޭފުޅުންނަށް އަޅުގަނޑުމެންގެ ހިފަހެއްޓުމެއް ނެތް ޝުކުރު ދަންނަވަން" އަމްރު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ސައިގައި ވާހަކަ ދައްކަވަމުން، ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރެއްވި އިލްޔާސް ލަބީބް ވަނީ އެޕާޓީގެ ކެންޕެއިން ޓީމަކީ ހަޤީޤަތުގައިވެސް ވަރަށް "ގަދަ ބައެއް" ކަމުގައި ސިފަކުރައްވާފައެވެ. އަދި މިއީ ފެށުންކަމަށާއި ދެން އޮތީ އެޕާޓީ "ބާރަށް ކުރިއަށް" ދިއުންކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސްޕީޑް މަޑެއް ނުކުރެވޭނެ، މިސްރާބު ކައްސައެއް ނުލެވޭނެ، އަޅުގަނޑުމެން ދާނީ ސީދާ ކުރިއަށް" އިލްޔާސް ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރަޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސްއަށް 15،000 އަށް ވުރެ ގިނަ ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އެއީ ވޯޓުލީ މީހުންގެ ތެރެއިން 7 އިންސައްތައެވެ.
އެޕާޓީން ވަނީ ކެންޕެއިންނަށް އެކި ގޮތްގޮތުން އެހީތެރިވި މީހުންނާއި ކެންޕެއިނުގައި އަމަލީގޮތުން ހަރަކާތްތެރިވި މީހުންނަށް ޝުކުރުއަދާކުރައްވާފައެވެ.






ކޮމެންޓް