ޚަބަރު ދީން

މީސްމީޑިއާ ، އުފާވެރި ދިރިއުޅުމަށް އައިސްފާނެ އަނދިރިކަމެއް

އަޙްމަދު ޢަފީފް މުޙައްމަދު ، ދެން އޮންލައިން

އަޅުގަނޑުމެން ދިވެހިންނަކީ ޒަމާނުއްސުރެ ވެސް ރީތި އަޚްލާޤީ ސިފަތަކަށް ލޯބިކުރަމުން އަންނަ ބައެކެވެ. ނަމަވެސް ފަހަކަށް އައިސް މުޖުތަމަޢުގައި ނޭދެވޭ އިތުރު އާދަތައް ފެތުރެން ފަށާފައިވާއިރު، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ގުޅުންތަކާއި އެންމެހާ ކަންކަން މީސްމީޑިއާގެ ވަޞީލަތްތަކުގައި މިވަނީ ހުޅުވާލެވިފައެވެ.

Ads by STELCO

ދެމަފިރިންނަކީ އެކަކު އަނެކަކަށް އޯގާތެރިވެ، ހެޔޮކޮށް ހިތަންޖެހޭ ބައެކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކުންނާއި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅު ތަކުން މިކަމަށް ނުހަނު ބާރު އަޅުއްވާފައިވެއެވެ. އެގޮތުން ޢާއިލީ ސިއްރުތަކާއި އަދި ދެމަފިރިންގެ ދެމެދުގައިވާ ޚާއްޞަ ގުޅުންތަކާއި، ކަންތައްތަކަށް ރައްކާތެރިވުމަކީ އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އާއިލީ ސިއްރުތައް ނުވަތަ ފިރިމީހާގެ ސިއްރުތައް ޖެހިލުމެއްނެތި ހާމަ ކުރުމަކީ އިސްލާމުދީނުގައި ނަޙީކުރައްވާފައިވާ ކަމެކެވެ. އަދި އާއިލީ ގުޅުންތަކުގެ ވާހަކަތައް ހުޅުވާލެވިގެން ހިއްސާކުރެވޭ ތަނެއްކަމުގައި މީސްމީޑިއާ ހެދުން ހެޔޮނުވާނެއެވެ. އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ހިތްތަކުގައި އާއިލީ ގުޅުންތަކާ މެދު ހަސަދަވެރިކަން އުފެދިދާނެއެވެ. އަދި އެސްފީނާގެ ޝިކާރަޔަކަށް އަހަރެމެންގެ ގުޅުންތައް ވެދާނެއެވެ.

އަސްމާ ބިންތި ޔަޒީދު رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

ދެމަފިރިންގެ ސިއްރުތަކުގެ ވާހަކަތައް ފެތުރުމުގެ ނުބައިކަން  ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "ފަހެ ތިޔަބައިމީހުން އެފަދައިން ކަންތައް ނުކުރާށެވެ. ފަހެ އެކަމުގެ މިޘާލަކީ ފިރިހެން ޝައިތާނަކު އަންހެން ޝައިތާނަކާ ބައްދަލުވެ މީސްތަކުން ބަލަން ތިއްބާ ގައިގޯޅިވެއުޅޭ އުޅުމެވެ."

އަޅުގަނޑުމެން މީސްމީޑިއާގައި ހިއްސާކުރާ ވާހަކައެއްގެ ސަބަބުން އެނގުމެއްނުވާ އެތައް މަޖްލީހެއްގެ މައިގަނޑު މައުލޫއަކަށް އެކަން ވެދާނެއެވެ. އޭގެ ސަބަބުން ނުވެސް ދަންނަ ބައެއް މީހުން އެބައިމީހުން މުނިފޫހިފިލުވުމަށް ދައްކާ ވާހަކަތަކުގައި މަލާމާތް ރައްދުވާ ފަރާތަކަށް އަޅުގަނޑުމެން ވެދާނެއެވެ. އަދި އާއިލާގެ ގުޅުންތަކާއި ފިރިމީހާ އާއި އަނބިމީހާ އާއި ދެމެދު ހިނގާދިޔަ ކަންތައްތައް ތުންތުން މަތިން ދެކެވޭ ވާހަކަތަކަކަށް ވެގެން ހިނގައިދާނެއެވެ.

ޙަޔާތުގައި ހިނގާ ހުރިހާ ކަމެއް މީސްމީޑިއާގައި ހާމަ ކުރުމުން އެ ޚަބަރު އެތައް އެތައް އަންހެނުންނާއި ފިރިހެނުންގެ ކަންފަތްތަކާ ހަމައަށް ވާޞިލުވެއެވެ. އަދި މީސްމީއާގައި ހިއްސާކުރެވޭ މިފަދަ ވާހަކަތަކުގެ ސަބަބުން ނޭނގި ތިއްބާ ހިންމަތާއި މިންނަތުން ބިނާކުރި އުފާވެރި ދިރިއުޅުމުގެ ބިނާ ފުނޑުފުނޑު ވެގެން ހިނގައިދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!