ފާހަގަ ޖެހުމަށް ފަހު ވޯޓު ކަރުދާސް ދޭ ކަމަށް ބުނެ ފޮނަދޫގައި މުޒާހަރާ ކުރަނީ
ފާހަގަ ޖެހުމަށް ފަހު ވޯޓު ކަރުދާސް ދޭ ކަމަށް ބުނެ ލ. ފޮނަދޫގައި މުޒަހަރާ ކުރަން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާ ކުރަމުން ދަނީ ކުރިގަމު ހުންނަ 3 ނަންބަރު ވޯޓު ފޮށި ކައިރީގައެވެ.
މުޒާހަރާ ކުރަމުން ދަނީ ވޯޓު ލާން ދިޔަ 3 މީހަކަށް ދިން ގަނޑުކޮޅެއްގައި ފާހަގަ ޖަހާފައި އިނުމުންނެވެ. މުޒާހަރާގެ ބައިވެރިން ދަނީ ވޯޓު އަލުން ލާން ޖެހޭނެ ކަމަށާއި ވޯޓުލުން ކުރިޔަށްގެންދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނަމުންނެވެ.
މިހާރު ވަނީ އެ ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވި އިލެކްޝަން ކޮމިޝަންގެ އެހީތެރިޔާ ދުރުކުރުމަށް ފަހު އަލުން ވޯޓުލާން ފަށާފައެވެ.
ފޮނަދޫގައި މުޒާހަރާ ކުރަމުންދާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާހުގެ ފޮޓޯ ނެގި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން ފުލުހުން ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގިކަމަށް ތުހުމަތު ކުރެވުނީ ފުވައްމުލައް ސިޓީގައި ވޯޓުލާން ދިޔަ މީހަކަށެވެ. ވޯޓުލުމަށް ފަހު ވޯޓު ކަރުދާސް ދައްކައިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫގައި ވޯޓުލާން ދިޔަ މީހެކެވެ.