Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބަރުލަމާނީ ވޯޓު ނަގަން ކުރަމުންދާ މަސައްކަތް ހުއްޓާލަން ޤާސިމް އެދިލައްވައިފި

ބަރުލަމާނީ ވޯޓު ނަގަން ކުރަމުންދާ މަސައްކަތް ހުއްޓާލަން ޤާސިމް އެދިލައްވައިފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެނޭތޯ ރައްޔިތުން ކުރެން އެހުމަށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ނިޒާމީ ވޯޓު ނެގުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް, ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު, ޤާސިމް އިބްރާހީމް އިލްތިމާސް ކުރައްވައިފިއެވެ,

މި އޮކްޓޫބަރު މަހުގެ 30ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. ނިޒާމީ ވޯޓަކަށް އެންމެ ބޮޑަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވަނީ ދަ ޑިމޮކްރެޓްސްގެ, މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދެވެ.

މިއަދު ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރާއްޖޭގެ ޤާނޫން އަސާސީއާއި ޤާނޫން ތަކާއި އެއްގޮތަށް ރިޔާސީ އިންތިޚާބެއްގެ ދެ ބުރު ބޭއްވި، އެ އިންތިޚާބު މެދުވެރިކޮށް ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށް ، އަދި ދިވެހިރައްޔިތުންނާއި، ބައިނަލް އަޤްވާމީ މުޖުތަމަޢުން އެ އިންތިޚާބުގެ ނަތީއްޖާ ޤަބޫލުކޮށްފައި ވަނިކޮށް، އިންތިޚާބީ ރައީސް އާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ޚިލާފު އަދި ބައިނަލް އަޤްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލު ތަކާއިވެސް މުޅީން ޚިލާފުކަމެއް ކަމަށެވެ. އަދި މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޢަމަލު ކޮށްފައިވާ ގޮތެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޤާސިމް ވިދާޅުވީ, އެކަން ކުރަނީ ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި ، ބާރުހުރި ފަރާތްތަކުން ޤާނޫންއަސާސީ އާއި ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި ކަމަށެވެ. އަދި އެގޮތަށް މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ޤައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ޤަބޫލު ކުރާނޭކަމެއް ނޫން ކަމަށާއި ކޮށްގެންވާނެކަމެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ, ޤައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިޚާބު ކުރެއްވި ފަރާތްތަކާއި ހަވާލުކޮށް، އަމާން ކަމާއި އޮމާން ކަމާއި އެކު ޤައުމާއިގެން ކުރިއަށްދިއުމަކީ، މިއަދު އަޅުގަނޑުމެންނަށް ދިވެހި ޤައުމުގެ ހައްޤުގައި އެންމެ އިސް ވާޖިބު ކަމަށް އަދެކޭ ކަމަށެވެ. އަދި ޤައުމު ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތް ކޮށް، ތަފާތު ރޮނގޮރޮނގުގައި ޤައުމު ކުރިއަށް ގެންދެވޭނީ ޤައުމުގައި ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ޤާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ކަމީ މިއަދުގެ ޙަޤީޤަތް ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް