އަމީން އާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ

ކޮވިޑް-19ގެ ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި، އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ 11:00 ގައި ރައްއިތުންގެ މަޖިލީހުގެ އިދާރާގައެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލު ވުމަށް މައުލޫމާތު ދެއްވުމަށް އަމީންގެ އިތުރުން މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މަޖީލަށް ހާޒިރުވެ ވަޑައިގަންނަވާނެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްފައިވާކަން ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް އޮޅުވާލާފައި ވަނީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.
އެ އޮޑިޓް ރިޕޯޓުން ފެންމަތި ކުރި މައްސަލަތައް ބަލަން މީގެ ކުރިން މާލިއްޔަތު ކޮމިޓީއިން ވަނީ ނިންމައިފައެވެ.