ޚަބަރު

އެމްޓީސީސީގެ ވެރިންނާ ދެކޮޅަށް ހުޅުދޫގައި އަޑު އުފުލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމްޓީސީސީ ގެ ވެރިންނާ ދެކޮޅަށް އައްޑޫސިޓީ ހުޅުދޫގައި މިރޭ އަޑު އުފުލައިފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި ހުޅުދޫ ރައްޔިތުން އެމްޓީސީސީގެ ވެރިންނާ ދެކޮޅަށް މިރޭ އަޑުއުފުލީ، ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ގިނަ ބިދޭސީންތަކެއް ކޮވިޑު-19 އަށް ފައްސިވީ އެކުންފުނީގެ ވެރިންގެ އިހުމާލުން ކަމަށް ބުނެއެވެ.

ހުޅުދޫ އޮފީސް ކުރިމަތީގައި ތިބެ އަޑު އުފުލި ރައްޔިތުން ބުނީ އެ ދެރަށުގެ ރައްޔިތުން ބޮޑު ބިރުވެރިކަމަކަށް ގެނައީ އެމްޓީސީސީން ކަމަށެވެ. އެގޮތުން ބަޔަކު ކޮވިޑަށް ފައްސިވީއިރު އެމީހުންގެ ކޮންޓެކްޓު ޓްރޭސިން ނުހަދާ ދޮގު ހަދާފައިވާ ކަމަށް އެމީހުން ތުހުމަތު ކޮށްފައިވެއެވެ.

"އެމްޓީސީސީގެ ވެރިން ސީދާ ޒިންމާ ނަގަން ޖެހޭނެ، ހުޅުމީދޫ ރައްޔިތުން ބޮޑު ބިރުވެރިކަމަކަށް ގެނައީ އެމްޓީސީސީން، އެމީހުންގެ އިސް މީހުން ޖެހެނީ ރަށުން ވަގުތުން ބާލަން" އެކުންފުންޏާ ދެކޮޅަށް އަޑުއުފުލި މީހަކު ބުނެފައިވެއެވެ.

މީގެއިތުރުން އެމްޓީސީސީ ސައިޓުން ކޮވިޑަށް ފައްސިވީ މީހުން އެރަށުން ބޭލުމަށާއި އެމީހުން ކޮވިޑް ފެސިލިޓީއަކަށް ގެންދިޔުމަށް ވެސް އަޑު އުފުލި ބައިވެރިން ގޮވާލާފައިވެއެވެ.

ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑު-19 އަށް ފައްސިވީ މާލެއިން އެރަށަށް ދިޔަ ދެ ބިދޭސީއަކު ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލް ފައްސި ވެގެންނެވެ.

އެ ބިދޭސީން ފައްސިވުމާ ގުޅިގެން އެމީހުންގެ ކޮންޓެކްޓު ޓްރޭސިން ހެދުމަށް ފަހު އެމީހުންނާއި އިތުރު ބަޔަކާއި ބައްދަލުވެފައި ނުވާ ކަމަށް ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!