އެމްޕީ ޝަރީފަށް ހަމަލާ ދިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފި
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
އެމްޕީ ޝަރީފަށް ހަމަލާ ދިނީ މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައިރު މެންހަޓަން ހޮޓެލްގައި ހުންނަވަނިކޮށެވެ. މި މައްސަލައިގައި ހަތަރު ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ ހައްޔަރުކުރީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޯޓަށް ހާޒިރު ކުރުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެ މީހެއްގެ ބަންދަށް 60 ދުވަަސް ޖަހާފައިވާ ކަމަށާއި ދެން ހުރި މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޝަރީފަށް ބަޔަކު ހަމަލާދިންއިރު، ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދަށް ވެސް ހޮނިހިރު ދުވަހު ވަނީ ގުރޫޕަކުން ހަމަލާދީފައެވެ.
Ads by Allied Insurance