"އަހަރެމެންގެ ބިންތައް ފޭރިގަނެ، ގެދޮރުން ނެރެލިއިރު، ފެނުނު ލޮލެއް، އިވުނު ކަންފަތެއް ނެތް"
ފަލަސްޠީނުގައި ހިންގަމުންދަނީ ހަނގުރާމައެއް ނޫންކަމަށާއި، އެއީ އިސްރާއީލުން ފަލަސްޠީނު ރައްޔިތުން އަޅުވެތިކޮށްގެން ހިނގަމުންދާ ލާއިންސާނީ ޖަރިމާތަކެއްކަމަށް ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އަބޫ ޢަލީ ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގައި ހިނގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ވަލީދު އަބޫ ޢަލީވަނީ މިފަދަ ހުރިހާ ދަނޑިވަޅެއްގައި ދިވެހި ސަރުކާރާއި ރައްޔިތުން ފަލަސްޠީނާއެކު ސާބިތުކަމާއެކު އޮންނަ އޮތުން ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.
ފަލަސްޠީނު ސަފީރު ވިދާޅުވީ ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަކީ ހަނގުރާމައެއްކަމަށް ބައިނަލްއަޤުވާމީ ދުނިޔެއިން ބުނަމުން ދިޔަނަމަވެސް އެތަނުގައި ހިނގަމުންދަނީ ހަނގުރާމައެއް ނޫންކަމަށެވެ. ހަނގުރާމައެއް ހިނގާނީ ދެޤައުމެއް ދެމެދުގައި ނުވަތަ ދެ އަސްކަރިއްޔާއެއްގެ ދެމެދުކަމަށާއި، އެހެންނަމަވެސް އިސްރާއީލުން ޒަމާނީ ހަނގުރާމަވެރި ވަޞީލަތް ބޭނުންކޮށްގެން، ހަމަލާ ދެމުންދަނީ އަޅުވެތިކޮށްފައިވާ، ހަނގުރާމައިގެ ވަޞީލަތް މަދު ފަލަސްޠީނުގެ ޢާއްމު ރައްޔިތުންނަށް ކަމަށްވާއިރު އެއީ ހަނގުރާމައޭ ނުބުނެވޭނެކަމަށް ސަފީރު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހުން ފެށިގެން ފަލަސްޠީނުގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކުގައި މިހާތަނަށް ފަލަސްޠީނުގެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މީގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
"މިހަނުޖެހުންތަކުގައި މިހާތަނަށް 400 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުކޮށްލައިފި. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނަ ޢަދަދަކަށް ހިމެނޭ. އިސްރާއީލުން ހަމަލާ ދެމުންދަނީ ރައްކާތެރިވާދާނެ ތަނެއް ނެތް ޢާއްމުންނަށް." ސަފީރު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ދުނިޔެއިން މިކަންކަމުގައި ހަމަހިމޭންކަން ޚިޔާރުކޮށްފައިވާތީ ސަފީރުވަނީ ވަރަށް ބޮޑަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ފަލަސްޠީނުގެ ރައްޔިތުންގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެ ގެދޮރުން ނެރެމުންދާއިރު އަދި އިންސާނީ އެތައް ޙައްގަކުން ފަލަސްޠީނުގެ ރައްޔިތުން މަޙްރޫމްކޮށް އަޅުވެތިކުރަމުންދާއިރުވެސް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަންޒަރު ނުފެންނާތީ ސަފީރުވަނީ ސުވާލުއުފައްދަވާފައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފަލަސްޠީނުގެ ރައްޔިތުންވެސް އެމީހުންނަށް ކުރެވޭ ކަމެއް ކުރާނެކަމުގެ އިންޒާރު އަދި މިނިވަންވުމަށް މަސައްކަތް ކުރާނެކަން ފަލަސްޠީނުގެ ސަރުކާރުން އަބަދުވެސް ދުނިޔެއަށް ބުނެދެމުން ދިޔަކަން ސަފީރު ފާހަގަކުރެއްވިއެވެ.
"ބައިނަލްއަޤުވާމީ މުޖުތަމަޢުން ކީއްވެ އަޑު ނުއުފުލީ އިސްރާއީލުން އަހަރުމެންގެ ބިންތަކަށް އަރައިގަތްއިރު. ކީއްވެ ބަސް ނުބުނީ އެމީހުން އަހަރުމެންގެ ގެދޮރުން ރައްޔިތުން ނެރެމުންދިޔައިރު. އެތައް އަހަރެއް ވަންދެން އެތައް އިންސާނީ ޙައްގަކުން މަޙްރޫމްކުރި އިރު ކީއްވެ ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކަންކަމަށް ބީރުކަންފަތެއް ދިނީ." ސަފީރު ސުވާލު ކުރެއްވިއެވެ.