ޚަބަރު

މުޢިއްޒާއެކު ފަސް އަހަރު ސާބިތުކަމާއެކު ތިބޭނަން: އެމްއެންޕީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް ފަސް އަހަރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުކަމާ އެކު ތިބޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.

Ads by Hajj Corporation

އެމްއެންޕީ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ކުރިއަށް މި އޮތް ފަސް އަހަރު މުއިއްޒާ އެކީގައި، އެމަނިކުފާނު އެދުނު ކޮންމެ ކަމެއް ކޮށްދީ، މި ގައުމުގެ ހެވާ ލާބައަށް ކުރެވޭ ކޮންމެ ކަމެއްގައި އެމްއެންޕީ ސާބިތުކަމާ އެކު އޮންނާނެ ކަމަށެވެ.

"އަޅުގަނޑު މުއިއްޒަށް ދަންނަވަން ބޭނުން އަޅުގަނޑުމެންގެ ސާބިތު ކަމަކަށް ބަދަލެއް ނައިސް އިރާދަކުރެއްވިއްޔާ ޑރ. މުއިއްޒު އެދިވަޑައިގަންނަވާ ގޮތަކަށް މި ޕާޓީން މަސައްކަތް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ނާޒިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުން ފުދުންތެރިކޮށްދީ ގައުމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސްދިނުމާ އެކު އަދުލު އިންސާފު ގާއިމުކޮށްދެއްވާނެ ކަމުގެ ވައުދު ފުއްދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން ނާޒިމް ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ އިންތިހާބުތަކުގައި އެމްއެންޕީން ވާދަކުރާނީ ޕީޕީއެމް ޕީއެންސީއާ ގުޅިގެން ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ކުރިއަށް އޮތް މާލޭ މޭޔަރުގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްއެންޕީން ވާދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާޒިމު ވާދަކުރެއްވި ނަމަވެސް އޭނާ ދިޔައީ އަށް ކެންޑިޑޭޓުން ވާދަކުރެއްވި ރޭހުގެ ހަތްވަނަ އަށެވެ. ނާޒިމަށް ލިބިވަޑައިގަތީ އެންމެ 1،900 ވޯޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!