ޚަބަރު ރައްޔިތުންގެ މަޖިލިސް

ވެރިކަން ބަދަލުވާ މަރުހަލާގައި ސަފީރުން އައްޔަނުކުރާތީ ޑިމޮކްރެޓުން ނުރުހުން ފާޅުކޮށްފި!

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
އަލީ އާޒިމް

ރިޔާސީ ވެރިކަން ބަދަލުވާ އިންތިޤާލީ މުއްދަތުގެ ތެރޭގައި އަނެއްކާވެސް ސަފީރަކު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ޑިމޮކްރަޓްސްގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފިއެވެ.

Ads by Hajj Corporation

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ ސަފީރުކަމަށް ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީކަމުގެ މަޤާމު ފުރުއްވަމުން އަންނަ ޚަދީޖާ ނަޖީޙާ އައްޔަނުކުރުމަށް ރައީސް އޮފީހުން ސިޓީ ފޮނުވުމާއި ގުޅިގެން މިއަދުގެ ޖަލްސާއަށް އެ ސިޓީ ވަނީ އެޖެންޑާކޮށްފައެވެ.

މަޖިލީހުގެ ތަޅުމަށް ސިޓީ ހުށަހެޅުއްވުމާއެކު ޑިމޮކްރެޓުންގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު، ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނުކުރުން މަޑުޖައްސާލުމަށް އިއްތިޚާބީ ރައީސްގެ އޮފީހުންވެސް އެދިވަޑައިގެންފައިވާކަމަށެވެ.

މީގެ އިތުރުން ޢާޒިމް ވަނީ އެކުވެރި އަރަބި އިމާރާތާއި ބަންގްލަދޭޝްއަށް ސަފީރަކު އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އޮފީހުން ސިޓީ ފޮނުވާފައިވަނީ ރިޔާސީ އިންތިޚާބުގެ ކުރިންކަމަށާއި ނަމަވެސް ޕާކިސްތާނުގެ ސަފީރުކަމަށް ނަން ފޮނުވާފައިވަނީ އިއްޔެކަމަށެވެ.

އަދި ސަރުކާރު ބަދަލުވުމުގެ މި މަރުހަލާގައި ހިނގާ މިފަދަ ކަންތައްތައް މަޖިލީހުން ހުއްޓުވުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

"...ކޮންމެ ވެރިކަމެއް ބަދަލުވާ ކޮންމެ ފަހަރަކު މި ކަންކަން ތަކުރާރުވަމުންދާތީ އަޅުގަނޑުމެން އެބަޖެހޭ ޤާނޫނުއަސާސީގެ 94 ވަނަ މާއްދާގައި ބުނާ މި ކަން ކުރަން. އަޅުގަނޑުމެން އަމުރެއް މި ފަދަ ކަންކަން ނުކުރުމަށް" ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް ނެންގެވި ނިޒާމީ ނުކުތާގައި ޖަލްސާއަށް ހުރަސް އެޅޭފަދަ ކަމެއް ނެތްކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އިވާ ވަނީ ނިންމަވާފައެވެ.

ރިޔާސަތުން މިހެން ނިންމެވުމާއެކު ޑިމޮކްރަޓްސް އަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ސަފީރުން އައްޔަނުކުރާތީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

"...ކުރީ ދުވަހުގެ ސަފީރުތަކުގެ މައްސަލައެއް ނެތް. އެކަމަކު އަނެއްކާ މިއަދު އިތުރު ސަފީރެއް އިއްޔެ ފޮނުވީމަ އެއީ ޕާލިމަންޓަރީ ސިސްޓަމެއް" ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާއިދު ވެސް ފަރުމާކޮށްފައި ވަނީ ރިޔާސީ ނިޒާމެއްގައި ރައީސުންނާ އެކު ސަރުކާރު ބަދަލުވާގޮތަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.

ރިޔާސަތުން ވަނީ ބޮންޑޭގެ ނިޒާމީ ނުކުތާވެސް ބަލައިނުގަންނަވައި، މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަކީ ކޮމިޓީގެ އިތުރުން ބަހުސްގެ މަރުހަލާގެ ތެރެއިން ފާޅުކުރެއްވޭނެ ކަންބޮޑުވުންތައް ކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާނުގެ އިތުރުން، ބަންގްލަދޭޝް އަދި އެކުވެރި އަރަބި އިމާރާތުގެ ސަފީރުން ބަދަލުކުރުމަށްވެސް ރައީސް އޮފީހުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އަދި މި ނަންތައް ދިރާސާކުރުމަށް މިހާރު ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅާފައެވެ.

ރައީސް އޮފީހުން ސަފީރުން ބަދަލުކުރުމަށް މަޖިލީހަށް ސިޓީ ފޮނުވާފައިވާއިރު، އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އިންތިޤާލީ މުއްދަތުގެ ތެރޭގައި ސަފީރުން އައްޔަނުކުރުން ފަދަ ކަންތައްތައް ކުރުމަކީ އަލަށް އަންނަ ސަރުކާރަކަށް ދަތިތައް ކުރިމަތިކުރުވާނެ ކަންތައްތަކެއްކަމަށާއި، މިފަދަ ބަދަލުތައް ނުގެނެއުމަށް އެދިވަޑައިގެންފައެވެ. މިކަމަށް ރައްދު ދެއްވައި ސަރުކާރުން ވިދާޅުވީ އެ ސިޓީތައް މަޖިލީހަށް ފޮނުވާފައިވަނީ ރިޔާސީ އިންތިޚާބުގެ ކުރިންކަމަށެވެ.

Ads by Ooredoo
  1. މަޖިލިސް ގޮޅިތަކުގައި ސޭލް ނިމެން ފަސްމަހަށް ވީމާ ބަޔެއް މެމްބަރުން އިތުރަށް ބޮޑުކޮށް ގޮޅީގައި ސޭލް އަޅުވަނީ 😆

  2. ހުންމާ

    ބޮޑުވަރ ގާނޫނ ހަދާ މަޖިލިސ މެމްބަރަށ ގާު ގައ ލިޔެފައ އޮތ އެއްޗަކަް ތަބާާވ ކަށެއ ނޭގ.