ޚަބަރު

ސީޕީ ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރައްވަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމަށް ނިންމަވައިފިއެވެ.

Ads by Sosun Fihaara

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރަސްމީކޮށް ހަމީދު އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ މާޗް 26، ވަނަ ދުވަހުއެވެ.

ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރައްވާކަން އިއުލާން ކުރައްވާ ސީޕީ ހަމީދު ފުލުހުންގެ އިސްވެރިން ހިމެނޭ ސޯޝަލް މީޑިއާ ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ރިޓަޔާ ކުރައްވާނެ ތާރީހެއް ކަމަށް ބެލެވެނީ ކުރިއަށް އޮތް ނޮވެމްބަރު 11 ވަނަ ދުވަސް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ހަމަ އެހެންމެ ހަމީދުގެ މެސެޖުގައި ވިދާޅުވީ އޭނާއަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ އަދި ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށް ވާތީ އޭނާއާ މެދު ބައެއް ބޭފުޅުން ގޯސްކޮށް ދެކޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ އޭނާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު މުއައްސަސާގެ ނަން އޮތީ ކިލަނބުވެފައި ކަމަށެވެ.

އެހެން ކަމުން ފުލުހުންގެ ސަފުތައް އަލުން ބަދަހިކުރެއްވުމަށާއި މުއައްސަސާގެ ކުރިމަގަށްޓަކައި އޭނާ މަސައްކަތް ކުރެއްވީ އަމިއްލަ ވިސްނުންތަކާއި ޚިޔާލުތައް އެއްފަރާތް ކޮށްގެން ކަމަށް ހަމީދު ވިދާޅުވިއެވެ.

ފުލުހުންނާ މެދު ރައްޔިތުން ކުރާ އުއްމީދުތަކެއް އަދިވެސް ހުރުމާއެކު ފުލުހުން ކުރަންޖެހޭ އިތުރު ކަންތައްތަކެއް އަދިވެސް އެބަހުރިކަން ސީޕީ ހަމީދުގެ މެސެޖުގައި ވަނީ ފާހަގަކުރައްވައިފައެވެ.

މިގޮތުން އޭނާގެ ތަޖުރިބާތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިއްސާކުރައްވާނެ ކަމަށް ސީޕީ ހަމީދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ހަމީދުގެ މެސެޖްގައި އޭނާގެ ލީޑަރޝިޕްގެ ދަށުން ފުލުހުންގެ މުވައްސަސާއަށް ގެނެސްދެވިފައިވާ ތަރައްޤީއާއި ކުރިއެރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

  1. މުޙައްމަދު123

    ބުނާއަޑު އެހިން ސީޕީ ޙަމީދު ވަރަށް ގިނަ ދީނީ ޖަމިއްޔާތަކާއި ޝައިޚުންނާއި ދީނަށް ލޯބިކުރާ ވަކިވަކި ފަރުދުންނަކީ ހަރުކަށި މީހުންކަމަށް ބުނެ ހުޅަނގުގެ ބައެއް ގައުމުތަކަށް ލިސްޓު ފޮނުވިކަމަށް. ފުލުހުންގެ ހިދުމަތުން ރިޓަޔާވާއިރު ދިވެހިންނަށް ދެއްވާ ހަދިޔާއަކީ އެއީތޯ