ދިވެހިންގެ އަމިއްލަވަންތަކަމުގެ އެންމެ މުހިންމު ދެ އަސާސަކީ އިސްލާމީވަންތަކަމާއި ދިވެހި ބަސް: ޑރ. މުއިއްޒު

އިސްލާމްދީނަކީ އަޅުގަނޑުމެން ދިވެހީންގެ އެންމެ މުހިންމު ބަހާކަމަށާއި ދިވެހިންގެ އަމިއްލަވަންތަކަމުގެ އެންމެ މުހިންމު ދެ އަސާސަކީ އިސްލާމީވަންތަކަމާއި ދިވެހި ބަސްކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޢިލްމުވެރިންނާއެކު މިއަދު މީރުމާ ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އިސްލާމްދީނާއި ދެކޮޅަށް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތާއި ދެކޮޅަށް އިލްމުވެރިން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ ދިވެހިންގެ އަމިއްލަވަންތަކަން ގެއްލެމުންދާކަމަށް ފާހަގަކުރައްވައިފައެވެ. އަދި ދިވެހިންގެ އަމިއްލަވަންތަކަމުގެ އެންމެ މުހިންމު ދެ އަސާސަކީ އިސްލާމީވަންތަކަމާއި ދިވެހި ބަސްކަމަށާއި މި ދެކަންތައްތަކާއި ދެކޮޅަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށްވެސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
"މިކަން އަނބުރާލެވެނީ މި މެހެފިލްގައި ތިއްބެވި ބޭފުޅުންނަށް. އަދި މުޅި ޤައުމުގައި ތިއްބެވި މި ކަންކަމާމެދުގައި ވިސްނަވާ ބޭފުޅުން އެކައްޗެއް ކިޔުއްވައިގެން. މާތްވެގެންވާ އިސްލާމްދީން އެއީ އަޅުގަނޑުމެންގެ އެންމެ މުހިންމު ބަހާ" މުއިއްޒު ވިދާޅުވިއެވެ.އިތުރަށް ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހި ޒުވާނުންނަށް ދީނީ ޢިލްމު އުނގަންނައިދޭނެ ގޮތްތަކެއް ބައްޓަންކުރަންޖެހިފައިވާކަމަށެވެ. އަދި ފިކުރީ ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ހަމައެކަނި އިސްލާމްދީނަށް އެކަނި ނޫންކަމަށާއި އެކިއެކި ދީންތަކާއި ދެކޮޅަށް ޤައުމުތަކުގެ މައިނޯރިޓީގެ ފަރާތުން ކުރިމަތިވަމުންދާ ކަމަށްވެސް މުއިއްޒު އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ޑރ. މުއިއްޒު ވަނީ މި އޮއިވަރުން ސަލާމަތް ނުވެވިއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ނިކަމެތިކަމަކާއި ކުރިމަތިލާންޖެހޭނެކަމަށާއި އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އުނގަންނައިދޭން ތިބި ބޭފުޅުންގެ ވިސްނުން އެގޮތުގެ މަތީން ބައްޓަންކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ.
"އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ނިކަމެތިކަން ކުރިމަތިވާނެ. ވަރަށް ނުރައްކާތެރި ހިސާބަކަށް އަޅުގަނޑުމެންގެ ކުޑަކުޑަ މުޖުތަމައު އަމުދުން ދާނީ. އެހެންވީމާ އަޅުގަނޑުމެންގެ އައިޑެންޓިޓީ، އަމިއްލަވަންތައްކަން، އަޅުގަނޑުމެންނަކީ ކޮންބައެއްކަން އަނބުރާ އިއާދަކުރާއިރު މި ދެންނެވި ވިސްނުމުން އަޅުގަނޑުމެންގެ ކިޔަވައިދޭ ބޭފުޅުން، ޔުނިވާސިޓީތަކުން، ކޮލެޖުތަކުން އަދި އެކިއެކި ސްކޫލްތަކުގަ މުޅި ތަޢުލީމީ ނިޒާމުގަ މަސައްކަތްކުރައްވާ ބޭފުޅުންގެ ވިސްނުން ބައްޓަން ކުރަން ޖެހޭ އެބަ" ޑރ. މުޢިއްޒު ވިދާޅުވިއެވެ.ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަން ވެގެންދާނީ އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމަށް ވިދާޅުވެފައެވެ.






ކޮމެންޓް