ޓްރީޓޮޕްގެ އިހްމާލުތަކާއި ގުޅޭ މައްސަލަތައް ހެލްތް މިނިސްޓްރީން އިސްވެ ބަލަން ފަށައިފި
ޓްރީޓޮޕް ހޮސްޕިޓަލަށް ފަރުވާ ހޯދަން ދާ ބަލިމީހުންނަށް އިހުމާލުވާ މައްސަލަތަކެއް މީސްމީޑިއާގައި ފެންމަތިކޮށް ހޮސްޕިޓަލާއި ދެކޮޅަށް ބަޔަކު މުޒާހަރާކުރަމުންދާތީ، އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ސިއްހީ ޚިދުމަތްތައް ދެމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުދޭ ކަމަށާއި ބަލިމީހުންނަށް އިހުމާލުވާ ކަމަށް ބުނެ އެ ހޮސްޕިޓަލާ ދެކޮޅަށް މިދިޔަ ހަފްތާއިން ފެށިގެން ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ.
މި މައްސަލަތައް ފެންމަތިވީ އެ ހޮސްޕިޓަލަށް ފަރުވާ ހޯދަން ގެންދެވުނު ކެންސަރު ބައްޔަށް ބޭސްކުރާ މީހަކަށް އެކަށީގެންވާ ފަރުވާ ނުދިނުމުގެ ސަބަބުން އެމީހާގެ ހާލު ގޯސްވެ އައިޖީއެމްއެޗަށް އެމީހާ ބަދަލުކުރިފަހުން ނިޔާވެފައިވުމާއި ގުޅިގެންނެވެ.
އެގޮތުން، މަރުވި މީހާގެ ޢާއިލާގެ ބައެއް މީހުން އެކަންތައް ހިނގައިދިޔަ ގޮތް ވަރަށް ތަފްޞީލުކޮށް މީސްމީޑިއާގައި ދަނީ ޙިއްސާކުރަމުންނެވެ. އެއާ އެކު، ޓްރީ ޓޮޕްގެ އިހުމާލުން ހިނގާފައިވާ އެކި ކަންކަން އެކި ފަރާތްތަކުން ދަނީ ފެންމަތި ކުރަމުންނެވެ.
މީސްމީޑިއާގައި ގިނަ ބަޔަކު އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް ހޮސްޕިޓަލުން ވަމުންދާ އިހުމާލުތައް ކިޔައިދިން ނަމަވެސް، އެފަދަ އެއްވެސް މައްސަލައެއް ރަސްމީކޮށް ހެލްތް މިނިސްޓްރީއަށް ލިބިފައިނުވާކަމަށް އެ މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވެފައިވެއެވެ.
އޮންލައިން ނޫހަކަށް މަޢުލޫމާތުދެއްވަމުން ތަސްލީމާ ވިދާޅުވެފައިވަނީ ރަސްމީކޮށް އެއިން މައްސައެއް މިނިސްޓްރީއަށް ހުށަހަޅާފައިނުވިނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތައް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
އެހެންކަމުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށާއި ހެލްތު މިނިސްޓްރީގެ އިސްނެގުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިސްވެރިންނާ އެކު މިދިޔަ އާދިއްތަ ދުވަހު ބައްދަލުވުމެއްވެސް ބާއްވާފައިވާ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.
ޓްރީޓޮޕް ކުރިމަތީގައި މީހުން މުޒާހަރާކުރަމުންދާއިރު، އެމީހުންގެ ޝަކުވަތަކާއި ގުޅިގެން އެ ހޮސްޕިޓަލުން ބަހެއް ބުނަން ބޭނުންނުވާކަމަށާއި އަޅާނުލާކަމަށްވެސް އެމީހުން ބުނެފައިވެއެވެ.
މި މުޒާހަރާތަކާއި ގުޅިގެން ޓްރީޓޮޕުން ވަނީ ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް އޮތްނަމަ ހޮސްޕިޓަލުގެ ރަސްމީ މުޢާމަލާތީ ނިޒާމުން ކުރިއަށް ގެންދިއުމަށް ބުނެ ބަޔާނެއް ނެރެފައެވެ.