ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި ބަޔަކަށް ސީރިއަސް އަނިޔާތަކެއް

ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި ބަޔަކަށް ސީރިއަށް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލްކުރަން އުޅުމުގެ ތެރޭގައި އެ ސިލިންޑަރު ގޮވައި ބަޔަކަށް އަނިޔާވިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:45 ހާއިރުގައެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަނިޔާވި މީހުންގެ ތެރޭގައި 3 ފިރިހެނުންނާއި އަންހެނަކު ހިމެނޭއިރު އެތަނުން އެކަކުގެ ހާލު ސީރިއަސްކަމަށް ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. ހާލު ސީރިއަސްވެ ތިއޭޓަރުގައި ފަރުވާދެމުން ގެންދަނީ 37 އަހަރުގެ ފިރިހެނަކަށްކަމަށްވެއެވެ.