ނަލަންދޫގައި 200 އެނދުގެ ރިސޯޓެއް ހެދުމަށް ބީލަމަށް ހުޅުވާލައިފި

ށ. ނަލަންދޫގައި 200 އެނދުގެ ރިސޯޓެއް ހެދުމަށް އަނެއްކާވެސް ބީލަމަށް ހުޅުވާލައިފިއެވެ.
ނަލަންދޫގައި ރިސޯޓު ހެދުމަށް މި އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ނަލަންދޫގައި ރިސޯޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހު ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަންވާނެ ކަމަށެވެ.
ހަމަ އެހެންމެ ބިޑް ސެކިއުރެޓީގެ ގޮތުގައި 10،000،000 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ނަލަންދޫއަކީ 63.99 ހެކްޓަރުގެ ރަށެއް ކަމަށާއި އެ ރަށުގައި ހަދަން ނިންމާފައި ވަނީ 200 އެނދުގެ ރިސޯޓެއް ކަމަށެވެ.
ނަލަންދޫގައި ރިސޯޓު ހެދުމަށް ކުއްޔަށް ދޫކުރާނީ 50 އަހަރުގެ މުއްދަތަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓު ތަރައްޤީ ކުރުމުގެ މަރުހަލާގައި ކޮންސްޓްރަކްޝަން ޕީރިއަޑުގެ ގޮތުގައި 36 މަސް ދުވަސް ލިބޭނެ ކަމަށެވެ.