އެކަނި މަހަށް ނުކުތް ޔޫސުފްބެ އަދިވެސް ނުފެނޭ، ހޯދުން ހުއްޓައެއް ނުލާ

އެކަނި މަހަށް ނިކުމެ އުޅެނިކޮށް، އދ. ދަނގެތި، ޔޫސުފް އިބްރާހީމް (ޔޫސުފްބެ) ގެއްލުނުތާ ހަފުތާއެއްވީއިރު ހޯދަން ކުރި މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ދަނގެތީ މީހުން ބުނާގޮތުގައި ޔޫސުފްބެއަކީ އެ ރަށުގައި ހުރި އެންމެ ވަރުގަދަ ފަރުމަސްވެރިޔާއެވެ. އޭނާ މަހަށް ނުކުމެފައި ވަނީ ކުޑަ އިންޖީނު ދޯންޏެއްގައެވެ.
އުމުރުން 65 އަހަރަށް ވުރެ މަތިވެފައިވާ ޔޫސުފްބެ ގެއްލުނުކަން ރަށު މީހުންގެ ސަމާލުކަމަށް އައީ އޭނާ މަަހަށް ދިޔަ ދޯނި ހުސްކޮށް ރަށު ކައިރިން ފެނުމުންނެވެ.
އޭނާ ގެއްލުނުކަން ސިފައިންނަށް ރިޕޯޓުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 11:42 ހާއިރެވެ.
އެގޮތުން ޔޫސުފްބެ ހޯދަން ކަނޑު މަގުން 664 ސްކެއާ ނޯޓިކަލް މައިލްސް ބަލާފައިވާއިރު ވައިގެ މަގުން 907 ސްކެއާ ނޯޓިކަލް މައިލްސް އަދި ޑައިވްކޮށްގެން 376،850 ސްކެއާ މީޓާސް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހައުތަނަށް ޔޫސުފްބެ ފެނިފައެއް ނުވި ނަމަވެސް، އޭނާ ހޯދުމްށް ހިންގާ އޮޕަރޭޝަން ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ.