ޚަބަރު

ދެވަނަ ދައުރެއް އެމްޑީޕީއަށް ނުލިބުނީ އިޚްލާސްތެރިކަމެއް ނެތީމަ: މޫސާ ސިރާޖު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ދެވަނަ ދައުރެއް ނުލިބުނީ އިޚްލާސްތެރިކަމެއް ނެތީމައިކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސަަރުކާރުތަކުން އިންތިޚާބުތަކަށް ނުފޫޒުފޯރުވުން ހުއްޓައިލަން ގޮވާލައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަަހެޅުއްވި ޤަރާރެއްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މޫސާ ސިރާޖް ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ސުޕަމެޖޯރިޓީއެއް ދިނީ ކީއްވެތޯ އަދި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ގެއްލުނު ސަބަބާމެދު ވިސްނާލަންޖެހޭ ކަމަށެވެ.

އެގޮތުން، އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ރައްޔިތުން ދިން އެއް ސަބަބަކީ އިންތިޚާބުތަކަށް ފޯރުވާ ނުފޫޒުގެ މައްސަލައަށް ހައްލު ހޯދައިދޭނެކަމަށް އެމްޑީޕީން ބުނުމުންކަމަށާއި އޭރު ކެމްޕޭންގައި އެމްޑީޕީން ދައްކަމުންދިޔަ ވާހަކައަކީ މުއައްސަސާތައް ރިފޯމްކޮށް، ސަލާމަތީ ހިދުމަތްތައް އިސްލާހުކޮށް، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް، ފަނޑިޔާރުގެއަށް ފޯރުވަމުންދިޔަ ނުފޫޒު ނައްތާލާނެ ކަމުގެ ވާހަކަ ކަމަށް މޫސާ ސިރާޖު ފާހަގަކުރެއްވިއެވެ.

އަދި އޭގެ އިތުރުން ޤާނޫނުއަސާސީއަށާއި ދައުލަތުގެ ހިންގުމަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެންނާނެކަމުގެ ވައުދުތަކުގެ ސަބަބުން މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދިން ނަމަވެސް އިޚްލާސްތެރިކަން ނެތުމުގެ ސަބަބުން އެމްޑީޕީއަށް ވެރިކަން ގެއްލިފައިވާކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ.

އަދި ދެން އެމްޑީޕީގެ މެންބަރުންގެ ވަޢުދުތަކާއި އެއްގޮތަށް އެ އިސްލާހުތައް ގެންނަންޖެހޭ ވާހަކަ މަޖިލީހުގައި މިހާރު ދެއްކިނަމަވެސް އެ ވާހަކަ ދެއްކުމަށް މިހާރު ލަސްވެއްޖެކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ.

"އެ އިހުލާސްތެރިކަން ހުރިނަމަ ދެވަނަ ދައުރެއް އެމްޑީޕީއަށް ލިބޭނެ. ވެރިކަން ގެއްލިގެންމިދިޔައީ އިހުލާސްތެރިކަން ނެތީމާ، ރައްޔިތުންނަށްވި ވައުދު، އެ ވައުދުތައް ހަނދާން ނެތުނީމާ." މޫސާ ސިރާޖް ވިދާޅުވިއެވެ.

އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ރައްޔިތުން ހަވާލުކުރީ ޤާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ނަމަވެސް ކަންކަން އިސްލާޙު ކުރުމުގެ މެންޑޭޓާ އެކުކަމަށާއި އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރަށްރަށުގައި ޕްރޮޖެކްޓް ނުހިންގާތީ ނޫންކަމަށް އިޝާރާތްކުރައްވަމުން މޫސާ ސިރާޖު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރައްޔިތުން ބޭނުންވި ފަދަ އިހުލާސްތެރިކަމާއެކު ވައުދުތައް ފުއްދައިދޭނެ ބަޔަކަށް އެމްޑީޕީ ނުވުމުން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ މަޖިލިސް 65 މެންބަރުން އަދި މި ސަރުކާރުންވެސް ވެރިކަން ލިބުމުން ބެއްލެވީ އެބޭފުޅުން ލިބެންއޮތީ ކޮންއެއްޗެއްތޯއާއި ލިބެންއޮތް އެއްޗެއް ހޯދެން ގޮތްގޮތްކަމަށާއި އެހެންވުމުން މުއައްސަސާތައް އިސްލާހުކުރުމަށްވި ވައުދުތައް މަތިން އެބޭފުޅުން ހަނދާން ނައްތާލެއްވީކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ. އަދި ޝަރުއީ ނިޒާމަށް އަތްފޯރުވަމުން ދިޔަ މަންޒަރުވެސް ރައްޔިތުންނަށް ފެނުނު ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!